31 Jul 2013, 22:36
ޓާޓާ ހައުސިން އިން އަމީނީމަގު ގާކޮއްޓާއި މަޖީދީމަގު އަރަބިއްޔާ ހުރި ތަނުގައި އަޅާ ފްލެޓްގެ މަސައްކަތް ހުއްޓިއްޖެ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ޓާޓާ ހައުސިން އިން އައިމާ ކޮންސްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރަމުން އަންނަ ފްލެޓްގެ މަސައްކަތް ހުއްޓިފައި ވަނީ އެ ދެ ފަރާތުގެ މައްސަލައަކާ ހެދި ކަމަށެވެ.
"އެ މަސައްކަތް ހުއްޓިފައި ވަނީ ހައުސިން މިނިސްޓްރީގެ ދައުރެއް އަދާނުކުރެވިގެނެއް ނޫން. އެ މަސައްކަތް ހުއްޓިފައިވާތީ މީގެ މަހެއްހާ ދުވަސްކުރިން ވެސް އަޅުގަނޑުމެން ވާނީ ޓާޓާ މީހުންނާ ބައްދަލުކޮށްފައި މަސައްކަތް އަވަހަށް ނިންމައި ދިނުމަށް އެދިފައި. ނަމަވެސް ކޮންޓްރެކްޓަރާއި ޑިވެލޮޕަރާ ދެމެދު އޮތް މައްސަލައަކާ ގުޅިގެން މަސައްކަތް މެދުކެނޑިފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ޓާޓާ ހައުސިން އިން ސަރުކާރާ އެކު އެއްބަސްވެފައި ވަނީ މި އަހަރުގެ ނިޔަލަށް އެތަންތަނުގެ މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. އަދި އެ ދެތަނުގެ މަސައްކަތް އެއްކޮށް ހުއްޓުނު އިރު ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މަސައްކަތް އެއްކޮށް ހުއްޓުނުއިރު ގާކޮށީގެން ފްލެޓްތަކުގެ ވަރަށް ބޮޑު ބައެއް ވަނީ ނިމިފައި. އަދި އަރަބިއްޔާ ހުރިތަނުގައި އަޅާ ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ވަނީ ނިމިފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެތަނުގެ މަސައްކަތް ހުއްޓިފައި ވަނީ ކޮންޓްރެކްޓަރަށް ޑޮލަރުން ދެމުން އައި ފައިސާ ފަހުން ރުފިޔާ އަށް ބަދަލުކުރުމުންނެވެ. ނަމަވެސް އައިމާގެ އިސް ބޭފުޅެއްގެ ބަހެއް ލިބޭ ގޮތްނުވުމުން އެކަން ވަނީ މުޅިން ޔަގީންނުކުރެވިފަ އެވެ.
އެޕެކްސް ރިއަލިޓީ އާއި އެސްޖީ 18 ޑިވެލޮޕާސް އަދި ޓާޓާ ހައުސިން ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ އިން ހިންގާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތަންތަނުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް ޓާޓާ އިން ދާދި ފަހުން ބުނެފައިވެ އެވެ.
ޓާޓާ ހައުސިންގެ 65 ޕަސެންޓް ހިއްސާވާ ޖޮއިންޓްވެންޗާ ކުންފުނިން ފްލެޓް އެޅުމަށް އެއް މިލިއަން އަކަފޫޓުގެ ބިން ސަރުކާރުން ވަނީ 50 އަހަރަށް ދޫކޮށްފަ އެވެ.
ގާ ކޮށީގަ އާއި އަރަބިއްޔާ ހުރި ބިމުގަ އާއި އޯޑިއޯން ހުރި ބިމުގައި އިމާރާތްކުރަނީ 11 ބުރީގެ ފްލެޓުތަކެވެ. އޭގެ ކޮންމެ އިމާރާތެއްގެ ވެސް ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި ވަނީ ވިޔަފާރިތަކަށެވެ.