ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތެލެސީމިއާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު އޮތް މިބައްދަލުކުރެއްވުމުގައި، ތެލެސީމިއާ ކުދިންނަށް ދޭންޖެހޭ ޚިދްމަތްތައް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކެވިއެވެ.

ރާއްޖޭގެ އާބާދީގެ ކޮންމެ ސަތޭކަ މީހުންގެ ތެރެއިން ވިހި މީހުންނަކީ ތެލެސީމިއާ ކެރިއަރުންކަމާއި، ގަވާއިދުން ލޭއަޅާ ބޭސްފަރުވާ ދޭންޖެހޭ ފައްސަތޭކައަށްވުރެ ގިނަ ކުދިން ތިބުމާއެކު، ސަރުކާރުން މިކަމަށް ދެއްވަންޖެހޭ އަހަންމިއްޔަތުކަން ދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާރު ކަމާގުޅޭ ގާނޫނެއް ފާސްވެ ތަސްދީގު ކުރެވިފައިވުމާއެކު، އިތުރު ހިތްވަރަކާއެކު ސަރުކާރުން މިކަން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރުހުރި ތެލެސީމިއާ ސެންޓަރުގެ އިމާރާތަށް ބަލައިލިނަމަވެސް، މިވޭތުވެދިޔަ އަހަރުތަކުގައި މިކަމަށް އިސްކަންދެވިފައިނުވާ މިންވަރު ފާހަގަކުރެވިގެންދާ ކަމުގައި ވިދާޅުވިއެވެ. މިހާރުން މިހާރަށްވެސް އެ އިމާރާތުގައި ކުރަންޖެހޭ މަރާމާތުތައް ކުރެވޭނެގޮތް ފަހިކުރައްވައި، ބޭނުންވާ ބޭހާއި ލޭ އަބަދުވެސް ލިބޭނެގޮތް ހައްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އެހާބޮޑު އާބާދީއަކަށް ކުރިމަތިވެފައިމިވާ ގޮންޖެހުންތައް ނައްތާލުމުގެ ގޮތުން، ކުރިއަށް އޮތް ތާނގައި ޒަމާނީ ސެންޓަރެއް އިމާރާތްކޮށް، އެތަނުގައި ލޭއެޅުމާއި ބޭސްފަރުވާގެ ޚިދްމަތް ދިނުމުގެ އިތުރުން، ދިވެހި މުޖްތަމައު މިކަމުން ދާއިމީގޮތެއްގައި ސަލާމަތް ކުރުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތެލެސީމިއާ ސެންޓަރަށާއި ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާތައް ކުރެވޭނެ ނިޒާމެއް ގާއިމް ކުރެއްވުމަށްޓަކައި ކަމާބެހޭ ފަރާތްތައް ހިމެނޭ ބޯޑެއް އެކުލަވައިލެއްވުމަށްވެސް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.