ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި ގެއިން ބަނގުރާ ފެނުނު މައްސަލަ މިދިޔަ އަހަރު ޕީޖީ އަށް ފޮނުވާފައިވަނިކޮށް، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަނބުރާ ފުލުހުންނަށް ފޮނުވައިފި އެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ ހަތް ވަނަ ދުވަހު މުލިއާގެ އިން ބނަގުރަލާއި މަސްތުވާތަކެތި ފެނުނު މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް 12 ވަނަ ދުވަހު އެވެ. އަދި އެ މައްސަލައިގެ ތަހުގީގު ދިގުލައިގެން ދިޔައީ އެ ތަހުގީގުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހުމާ އެކު ތަހުގީގު ކުރަން ހުރި މައްސަލަތަކުގެ ގިނަ ކަމުން ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ. ނަމަވެސް އެ މައްސަލަ ދިރާސާ ކުރުމަށް ފަހު އިތުރަށް ތަހުގީގު ކުރަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޕީޖީ އޮފީހުން ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން ހަތް މަސް ފާއިތުވެގެން ދިޔައިރު ވެސް އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް އަދިވެސް ފޮނުވާފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މައްސަލަ ތަހުގީގު ކުރަނީ ކަމަށެވެ. ނަމަވެސް ތަހުގީގު ގޮސްފައި ވަނީ ކިހާ ހިސާބަކަށް ކަމެއް ވިދާޅެއްނުވެ އެވެ.

މުލިއާގެ އިން ފެނުނު ރާފުޅިތައް ފުލުހުން ނޫސްވެރިންނަށް ދެއްކި އިރު އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވައިގެން ފޮށި ފޮށީގައި ބަންދު ކޮށްފައިވާ ރާފުޅިތައް ވެސް ހުއްޓެވެ. އަދި ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކުން ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތީގެ ސިޓީ އުރައިގެ ބޭރުގައި ލިޔެފައި ވަނީ ދިވެހިންނެވެ.

ފުލުހުން އޭރު ބުނީ ބައެއް ފުޅިތައް މުލިއާގެ ތެރެއަށް ވައްދާފައި ހުރީ އޭފޯ ސައިޒުގެ ސިޓީ އުރައިގައި ކަމަށާއި، އޭގެ ބޭރުގައި ސިފައިންގެ ސުޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ޗެކްކޮށްފައިވާކަން އަންގައިދޭ ސްޓޭމްޕް ވެސް ޖަހައިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ބަނގުރާ ބައްލަވާ ބޭފުޅެއް ނޫން ކަމަށާއި މުލިއާގޭގައި އެފަދަ އެއްޗެއް ނުހުންނާނެ ކަމަށެވެ.