31 Jul 2013, 17:04
އަވައްޓެރި އިންޑިއާގެ އުއްތަރު ޕްރަދޭޝްއަށް މިހާރު ކުރަމުން ގެންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 174 މީހުން މަރުވެ، 1.6 މިލިއަން މީހުން ގެދޮރުނެތި ހާލުގައި ޖެހިފަވާ ކަމަށް އެތަނުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ.
ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ "ރިލީފް ކޮމިޝަނާގެ އޮ ފީހުން" މައުލޫމާތު ދީފައިވަނީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ކޯރުތަކެއް ފެންގަނޑު ބޮޑުވެ ބަންޑުން ގޮސްފައިވާ ކަމަށެވެ. އޭގެތެރޭގައި، ގަންގާ ކޯރާއި، ޔަމްނާ ކޯރު އަދި، ރާމް ގަންގާ، ޝަރްދާ، ރަޕްތީ، ގާގްރާ ގޮމްތީ ފަދަ ބޮޑެތި ކޯރުތައް ހިމެނެއެވެ.
ފެންބޮޑުވުމުގެ އެ ހާދިސާގައި، 15 އަވަށަކުން އެއް މިލިޔަން ހެކްޓަރުގެ ދަނޑުބިން ހަލާކުވެ، 299 ގެރިބަކަރި މަރުވެފައިވާ ކަމަށްވެސް ރިލީފް ކޮމިޝަނާގެ އޮފީހުން މައުލޫމާތު ދެއެވެ.
އޮފިޝްލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ބޯކޮށް ވެހެމުންދާ ވާރޭގައި އެންމެ ފުރަތަމަ ކޯރުތައްފުރި ބަންޑުންވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވީ، ހުޅަނގު ސަރަހައްދު ތަކަށް ކަމަށާއި އެހެން ނަމަވެސް މިހާރު، އިރުމަތީގެ ޝަހަރު ތަކަށްވެސް އޭގެ ނުރަށްކާވަނީ ފޯރާފައި ކަމަށެވެ.
ގަންގާ ކޯރު ފުރި، ބަންޑުން ވުމުގެ ސަބަބުން ގެއްލުންވި ޝަހަރު ތަކުގެ ތެރޭގައި ކާންޕޫރު، ރާއިބަރެއިލީ، އައްލާހްއާބާދު، މިރުޒާޕޫރު، ވަރަނަސީ އަދި ޣާޒީޕޫރު ހިމެނެ އެވެ.
ރާމް ގަންގާ ބަންޑުންވުމުގެ ސަބަބުން، ބިނޯޖް އާއި މުރާދުއާބާދުގެ ބޮޑު ބަޔަކަށް ގެއްލުންވެފައިވާއިރު، ޔަމްނާކޯރުގެ ފެންގަނޑު އުފުލުމުގެ ސަބަބުން، އިތާވާ، މުޒައްފަރު ނަގަރު، ޖަލާއުން، އައުރައްޔާ، ބާގްޕަތު އަދި ބަންޑާއަށް ގެއްލުންތައް ލިބެމުންދާކަމަށް ވެއެވެ.
އަދިވެސް ބޮޑެތި ކޯރިތައް ބަންޑުންވުމުގެ ސަބަބުން، ޖާންސީ، ލަލިތުޕޫރު، ޖަލާއުން އަދި ހާމިރުޕޫރު އަދި ލަކަނޫ ފަދަ ތަންތަނަށްވެސް ގެއްލުންތައް ލިބިފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެވެ.