31 Jul 2013, 16:51
ހދ. ކުޅުދުއްފުށިން މަހަށް ނުކުމެ އުޅުނު ބަޔަކަށް ކަނޑުމަތިން ފެނުނު ވިހަ މާއްދާއެއް އެކުލެވޭ "ގޭސް ފުޅިއެއް" އެމްއެންޑީއެފާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަހަށް ގޮސް އުޅުނު ދޯންޏަކުން މިދިޔަ ހޯމަ ދުވަހު ކަނޑުމަތިން ނެގި އެ ގޭސް ފުޅީގައި ވިހަ މާއްދާއެއް އެކުލެވޭ ކަމަށް ބެލެވޭތީ އެ ގޭސް ފުޅި ސިފައިންގެ ނޮދަން އޭރިޔާގެ ޕޯސްޓާ ފުލުހުން ހަވާލުކޮށްފައިވާ ކަމަށެވެ.
މަހަށް ނުކުމެ އުޅުނު ދޯންޏަކަށް ނަގާފައިވާ އެ ގޭސްފުޅީގެ ދިގު މިނުގައި 57 އިންޗި ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އެގޭސް ފުޅި ފުލުހުންނަށް ފެނިފައި ވަނީ، ގޮތް ނޭނގޭ ގޭސްފުޅިއެއް ކުޅުދުއްފުށީ ވޯކްޝޮަޕަކަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު، ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެ ވޯކްޝޮޕަށް ގޮސް އެ ގޭސް ފުޅި ޗެކްކޮށް ބެލުމުން ކަމަށް ފުލުހުން ބުންޏެވެ.
އެ ގޭސްފުޅީގެ ބޭރުގައި NH3 ޖަހާފައި އޮތުމުން އެއީ ވިހަ މާއްދާއެއް އެކުލެވޭ "އެމޯނިއާ ގޭސް" ކަމަށް ތުޙުމަތުކުރެ ވޭތީ ގޭސްފުޅި އިތުރަށް ތަޙްލީލް ކުރުމަށް ޓަކައި ސިފައިންނާ ހަވާލުކުރީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ހުސެއިން އަލީ މިއަދު ވިދާޅުވީ އެ ގޭސްފުޅީގައި ނުރައްކާތެރި "އެމޯނިއާ ގޭސް" އެބަހުރި ކަމަށާއި ނަމަވެސް މިހާރު އެ ގޭސް ފުޅި އޮތީ ރައްކާތެރިކަމާ އެކު ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"ގޭސް ފުޅީގައި ހުރި ގޭސްތައް އެއްވެސް ގޮތަކުން ލީކްވެ ކަމެއް ވެއްޖެނަމަ މީހުންގެ ފުރާނައަށް ވެސް ގެއްލުމެއް ވެދާނެ، ނަމަވެސް މިހާރު އެފުޅި އޮތީ ރައްކާތެރިކަމާ އެކު ސިފައިންގެ ބެލުމުގެ ދަށުގައި، އެ ގޭސް ފުޅި ނައްތާލުމުގެ މަސައްކަތް ސިފައިން ކުރާނެ،" އޮފިސަރު ވިދާޅުވި އެވެ.
އެ ގޭސް ފުޅިއަކީ މަހަށް ނުކުނެ އުޅުނު ބަޔަކަށް ކަނޑުމަތިން ފެނިފައިވާ އެއްޗެއް ކަމުގައިވާތީ އެފުޅި ރާއްޖޭގެ ސަރަހައްދަށް އައިސްފައިވަނީ ކޮންގޮތަކަށް ކަމެއް ބުނެދޭން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.