31 Jul 2013, 16:41
ފާއިތުވި ދެ ހަފްތާގެ ތެރޭގައި މާލެ އާއި އަތޮޅުތަކުން ބޭރަށް ހިންގުން ޖެހިގެން 1239 ފަރާތަކުން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ނެރެފައިވާ ހެލްތު އެލާޓެއްގައި ބުނެފައި ވަނީ މިދުވަސްވަރު މާލެ އާއި އަތޮޅުތަކުގައި ބޭރަށް ހިނގުން ޖެހުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ ހަފްތާ އަށް ބަލާ އިރު މާލެއިން 359 މީހުންނާއި ކުޑަކުދިން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އިރު އަތޮޅުތަކުން 880 މީހުންނާއި ކުޑަކުދިން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބޭރަށް ހިންގުމަކީ އާއްމުކޮށް ކާބޯތަކެއްޗާއި ފެނުގެ ޒަރިއްޔާ އިން ފެތުރޭ ބައްޔެއް ކަމުގައިވާތީ ސާފުތާހިރުކަމަށް ޙާއްސަ ސަމާލުކަމެއް ހާއްސަކޮށް މިދުވަސްވަރު ދިނުމަކީ ބޭރަށް ހިނގުން ޖެހުމުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމުގައި ވެސް އެ އެޖެންސީން ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ބޯފެން ބޭނުންކުރާ އިރު ކްލޮރިނޭޓްކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުމަށާއި ވާރޭފެން ނަގާ ނަމަ ފުރާޅު ރަނގަޅަށް ސާފުތާހިރު ކުރުމަށް ފަހު ފެންނެގުމަށާއި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން އަދި ރޯ ކާނާ ބޭނުންކުރުމުގައި ވެސް ރަނގަޅަށް ދޮވެގެން ބޭނުން ކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކެއުމުގެ ކުރިންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ހާއްސަކޮށް ފާހާނާ ކުރުމަށް ފަހު ވެސް ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުމަށާއި ކުޑަކުދިން ނެޕީ ބަދަލުކުރުމަށް ފަހު ވެސް ރަނގަޅަށް އަތްދޮވުމާއި ހާއްސަކޮށް ނެޕީ ރައްކާތެރި ގޮތުގައި ނައްތާލުމާއި ކާބޯތަކެތި މެހި ނުޖައްސާނެހެން ރައްކާތެރިކޮށް ބެހެއްޓުމުގެ އިތުރުން ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނެހެން ބޭނުން ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
މީގެ އިތުރުން ބޭރަށް ހިންގުން ޖެހިއްޖެ ނަމަ އެކަމުން ސަލާމަތްވުމަށް ގިނަގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުމުންނާއި ހާއްސަކޮށް ލޮނުޕެކެޓް ބޭނުންކުރުން އަދި ތުއްތު ކުދިން ނަމަ ގާތުން ކިރު ދިނުން ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެދިފަ އެވެ. ބޭރަށް ހިނގުން ރަނގަޅުނުވާ ނަމަ ނުވަތަ ދިޔާ އެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާބޮޑަށް ވަރުދެރަވާ ނަމަ ލަސްނުކޮށް ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށާއި ރަށުގެ ތެރޭގައި ގޯތިތެރޭގައި ކުނިވިޔަނުދީ ގޯތިގެދޮރު ސާފުތާހިރުކޮށް ބެހެއްޓުން އަދި ކުނިވާޒާރުގެ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވަނީ އެދިފަ އެވެ.