ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައި ހުރި ބާ ގާޑިއާތައް ނެގުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ޒަމާނީ ގާޑިއާތައް ބެހެއްޓުމަށް ފަހު ބާ ގާޑިއާތައް ނަގެމުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވާތީ މާލޭ ދަތްފަތު 1867 ޔޫސުފް މޫސާ އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ޔޫސުފް މޫސާ ކޮށްފައިވާ ދައުވާގައި އޭނާ އެދިފައިވާ ކަންތައްތައް ޝަރީއަތުން ބަލައި ގޮތެއް ކަނޑައެޅުމުގެ ކުރިން ބާ ގާޑިއާތައް ނަގައިފި ނަމަ އެކަމުގެ ސަބަބުން އޭނާ އަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އާ މެދު ސިވިލް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ނޫން ނަމަ އެ ކޯޓުން ވަކިގޮތެއް އަންގަންދެން ބާ ގާޑިއާތައް ނުނެގުމަށް ސިވިލް ކޯޓުން ވަނީ މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްފަ އެވެ.