31 Jul 2013, 16:09
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖުމްލަ ހަރަދު އަށް ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން މިއަދު ނެރުނު، މިދިޔަ މަހުގެ އިގްތިސޯދީ ރިވިއުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ. ތަފާސް ހިސާބުތައްދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 796.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފުރަތަމަ ހަ މަސްދުވަހު ދައުލަތުގެ ހަރަދުގެ ގޮތުގައި 6.267 ބިލިއަން ރުފިޔާ ހަރަދުވި އިރު މި އަހަރުގެ އެ މުއްދަތުގައި ވަނީ 6.782 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 515 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ހަ މަސް ދުވަހު ދައުލަތުން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ ރިކަރަންޓަށެވެ. އެގޮތުން ރިކަރަންޓް ހަރަދު ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރިކަރަންޓްގެ ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހިނގާފައި ވަނީ 4.6 ބިލިއަން ރުފިޔާ އެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ހަރަދުކުރި މިންވަރު ވަނީ 40 ޕަސެންޓް އިތުރުވެފަ އެވެ. މުސާރަ އާއި އިނާޔަތުގެ ގޮތުގައި ހަ މަސްދުވަހު 2.8 ބިލިއަން ރުފިޔާ ހަރަދުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ ދެ ބިލިއަން ރުފިޔާ އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ހަ މަސްދުވަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 33 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 13 ޕަސެންޓް އިތުރުވިއިރު ޖީއެސްޓީ ވަނީ 42 ޕަސެންޓް އިތުރުވެފަ އެވެ. އަދި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް 83 ޕަސެންޓް އިތުރުވެފައިވެ އެވެ. ނަމަވެސް އެ މުއްދަތުގައި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ 23 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު އާމްދަނީ 87 ޕަސެންޓް ދަށަށް ދިޔަ ނަމަވެސް ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބުނު މިންވަރު ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ.
އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ އެންމެފަހުގެ ކޭޝްފްލޯ ހިސާބުތަކަށް ބަލާއިރު ޖޫން މަހުގެ ނިޔަލަށް ހަރަދުވީ މިންވަރަށް ވުރެ އާމްދަނީ ލިބުނު މިންވަރު އިތުރުވެފައިވާ ކަމަށެވެ. އާމްދަނީ އިތުރުވެފައި ވަނީ ޖީއެސްޓީ އާއި ބީޕީޓީ ދެއްކި މިންވަރު އިތުރުވުމާ ގުޅިގެން ކަމަށް އެ ރިވިއުގައި ބުނެފައިވެ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ ރިވިއުގައިވާ ގޮތުން ޖޫން މަހުގެ ނިޔަލަށް ހަރަދުވީ މިންވަރަށް ވުރެ އާމްދަނީ ލިބުނު މިންވަރު އިތުރުވި ނަމަވެސް ބަޖެޓް ޑެފިސިޓް ވަނީ 1.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.