އަބަދުވެސް ފެނިފައި އޮންނަނީ މާލެ އާއި ރާއްޖެތެރެ ތަފާތު ކުރުން ކަމަށާއި އެ ތަފާތު ކުރުމުގެ ނަތީޖާ އަކަށް ވެފައި ވަނީ މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ބިކަ ވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


"ވެށި ފަހި މާލެ" ނަމުގައި މާލެ އަށް އަމާޒުކޮށް ސަރުކާރުން މިއަދު ފެށި ބޮޑު މަޝްރޫއު އިފުތިތާހު ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ވާހަކަ އެހާ ސާފުކޮށް ދެކެވެމުން ނާންނަ ކަމަށެވެ. މިއަދާ ހަމައަށް އެ މަނިކުފާނަށް ވެސް މާލޭގެ ރައްޔިތުންގެ ވާހަކަ ވިދާޅު ނުވެވޭ ކަމަށާއި އަބަދުވެސް ދެކެވެމުން އައީ މާލެ އާއި ރާއްޖެތެރެ ތަފާތު ކުރެވޭ ވާހަކަ ކަމަށެވެ.


"އަޅުގަނޑުމަށް އަބަދުވެސް ފެނިފައި އޮންނަނީ ވަރަށް ބޮޑަށް (މާލެ އާއި ރާއްޖެތެރެ) ތަފާތު ކުރާ ވާހަކަ އެއީ ހަގީގަތެއް. މި ތަފާތުތައް އެންމެ ފަހުން އައިސް، މި ތަފާތުތަކުން ނުކުތް ނަތީޖާއަކީ އަޅުގަނޑުމެނަށް އެނގިގެން ނަމަވެސް ނޭނގި ނަމަވެސް މާލޭ ރައްޔިތުން ވަރަށް ބޮޑަށް ބިކަވުން. މާލެ ތޮއްޖެހުން މާލޭގައި ތާހިރު ގޮތުގައި ދިރި އުޅެވޭނެ ގޮތެއް ނެތުން." ރައީސް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ ތާހިރު ދިރިއުޅުމެއް ހޯދުމަށް މާލޭގެ ރައްޔިތުން އެދޭ ކަމީ އެ މަނިކުފާނު ޝައްކު ކުރައްވާ ކަމެއް ނޫން ކަމަށާއި ވެރިރަށް މާލެ އަކީ އެ މަނިކުފާނަށް އޮޅިވަޑައިގެންފައިވާ ރަށެއް ނޫން ކަމަށެވެ.


"އަޅުގަނޑު ތަކުރާރު ކުރާނަން އަޅުގަނޑަށް މާލެ އެނގެއޭ! އަޅުގަނޑު ނުދަންނަވާނަން ބޭފުޅުންގެ އަޑު އަޅުގަނޑު ނާހާނަމަކޭ އެހެން ނަމަވެސް މިރަށް އަޅުގަނޑަށް އެނގޭނެ. މިއީ އަޅުގަނޑުގެ ވެސް ރަށް  އަޅުގަނޑުމެނަށް، މިރަށުގެ ރައޔިތުންނަށް މިރަށުގެ އާންމު ހާލަތު ބަދަލު ކުރެވެންޖެހޭނެ އަދި ކުރަން ނުކުންނާކަށް އަޅުގަނޑު ކުޑަކޮށްވެސް  ޖެހިލުމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.  


އެމަނިކުފާނު ވިދާޅުވީ މާލެ އާ ގުޅިފައިވާ ތަރައްގީ ހޯދޭނެ ކަމަށާއި މިހާރުން މިހާރަށް މާލެއަށް ގެންނަން ހުރި ބަދަލުތަކާއި ގެންނާން ފެންނަ ބަދަލުތައް ގެންނަވަން ފިކުރުފުޅު ކުރައްވާފައި ވަނީ ދައުލަތުގެ ބަޖެޓުން ނޫން ކަމަށެވެ.


ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ފިކުރުފުޅު ހުރީ ކުރީގެ އުސޫލުތަކާ ވަރަށް ތަފާތުކޮށް ކަމަށާއި އާ މަޝްރޫއުގެ ދަށުން މުޅި މާލެ ވަށައި ޕާކުތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި ޕާކިން އޭރިޔާތަކާއި މަގުތަކާއި މާލޭގެ ކުނި ނައްތައިލުމުގެ ނިޒާމާއި މާލޭގެ ބޯ ހިޔާވަހިކަމުގެ ބޮޑު މަޝްރޫއު ކުރިޔަށް ގެންދާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކަމަށެވެ.


ރައީސް ވިދާޅުވީ މިއަދު ދުނިޔެ ދަންނަ ހަގީގަތަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ތަރައްގީވުން ކަމަށާއި ރާއްޖެ މިއަދު ތަރައްގީ ކުރެވޭނީ ހަމައެކަނި ދައުލަތުގެ ބަޖަޓަށް ބަރޯސާ ވެގެން ނޫން ކަމަށެވެ.


"އެގޮތަށް އެކަން ކުރަން އަޅުގަނޑުމެން ފިކުރުކޮށްފި ނަމަ އެއީ ވާނެ ކަމެއް ނޫން. އެނގިވަޑައިގަންނަވާނެ ދައުލަތަށް ލިބޭ އެއްޗަކީ ހަތް ބިލިޔަން ރުފިޔާ. އޭގެ ތެރެއިން ފަސް ބިލިޔަން ހޭދަކުރަނީ މުވައްޒަފުންގެ މުސާރައަށް ދެން ކުރާންހުރި ހުރިހާ ކަމެއް ކުރަން އޮތީ ދަރަންޏަށް ނަގާ ފައިސާއިން ގައުމެއްގެ އިގުތިސޯދު ހިފެހެއްޓުމަށްޓަކައި ދަރަނަންޏަށް ނެގޭ މިންގަނޑުތަކެއް ވެސް ހުރޭ އަޅުގަނޑުމެން މި ތިބެނީ މިދެންނެވި މިނުގެ ގިނަ މިންގަނޑުތައް ފަހަނަޅައި ގޮސްފައި،" ރައީސް ވިދާޅުވި އެވެ.  


ރައީސް ވިދާޅުވީ މާލޭގެ ބިމަކީ ގުދުރަތީ ވަސީލަތެއް ކަމަށާއި ވިޔަފާރި މުއާމަލާތަށް ބޭނުން ކުރެވޭނެ އެންމެ މުހިންމު ވަސީލަތް ކަމަށެވެ.  ވިޔަފާރީގައި ބިން ބޭނުން ނުކުރެވެންޏާ ބިން ތަރައްގީ ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.


"ބިން ތަރައްގީ ކުރުމަށް އިންސާނީ ތަޖުރިބާ ދައްކާފައި އޮތް ހަމައެކަނި ގޮތަކީ ވިޔަފާރީގެ މުއާމަލާތް އެ ބިމުން ކުރުން." ރައީސް ވިދާޅުވި އެވެ.