ރާއްޖޭގައި ހުންނަ ރާބިތަތުލް އާލަމުލް އިސްލާމީއްޔާގެ ގޮފިން ރާއްޖޭގައި ތިބި ފަގީރުންނަށް ރޯދަ މަހަށް ހާއްސަކޮށްގެން ކާބޯތަކެތި ހަދިޔާ ކުރަންނިންމައިފި އެވެ.

ރާބިތާގެ ރާއްޖޭގެ ގޮފީގެ ނައިބް ރައީސް އިލްޔާސް ޖަމާލް ސަން އަށް މިއަދު ވިދާޅުވީ އެ ހަރަކާތަކީ އެ ޖަމްއީއްޔާގެ އޮފީސް ރާއްޖޭގައި އަލުން ހުޅުވުމަށް ފަހު ހިންގާ ފުރަތަމަ ހަރަކާތް ކަމަށެވެ. އެގޮތުން އެ ހަރަކާތުގައި ރާއްޖޭގެ ފަގީރުންނަށް ރޯދަ ވީއްލުމަށް ބޭނުންވާ ތަކެއްޗާއި ހާރުކެއުމަށް ބޭނުންވާ ތަކެތި ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހަރަކާތަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އުފައްދާފައިވާ ރާބިތާގެ ފައުންޑޭޝަންއެއް ކަމަށްވާ "އިންޓަނޭޝަނަލް ބާސްކެޓް ފައުންޑޭޝަން"ކޮންމެ ރޯދަމަހެއްގައި ހިންގާ ހަރަކާތެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި އެ ހަރަކާތް ހިންގަން ހަމަޖެހިފައި ވަނީ "ރޯދަ ވަށިގަނޑު"ގެ ނަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ރާއްޖޭގައި މިފަހަރު "ރޯދަ ވަށިގަނޑު" ބަހަން ހަމަޖެހިފައި ވަނީ 250 މީހުންނަށް ކަމަށެވެ. އެގޮތުން އެކަމަށް އެދި ކޮންމެ ފަގީރަކަށް ވަށިގަނޑެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ ރާބިތާ އިން މިފަހަރު ބަހާ ވަށިގަނޑުގައި ހަދިޔާ ކުރާ ތަކެތީގެ ތެރޭގައި ހިމެނެނީ ތިން ކިލޯ ހަކުރާއި ފަސް ކިލޯ ފުށާއި 10 ޕެކެޓް ނޫޑްލިސް އާއި ދެ ޕެކެޓް ސުޕެގެޓީ އާއި ފަސް ދަޅު ޓުމާޓޯ އާއި ދެ ދަޅު މަހާއި ދެ ދަޅު ގެރިކިރާއި ދެ ދަޅު ބޭކަޑްބީންސް އާއި ދެ ޕެކެޓް ލޮނެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ އެ ހަރަކާތަކީ ރާއްޖޭގައި ހުންނަ ރާބިތާ އިން ހިންގާ ފުރަތަމަ ހަރާކާތްކަމަށް ވިއަސް ކުރިއަށް އޮތް ތަނުގައި އެފަދަ ގިނަ ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި އަންނަ ރޯދަ މަހު "ރޯދަ ވަށިގަނޑު"ގެ ހަރަކާތަށް ރާބިތާގެ ފަރާތުން ދުރާލާ ތައްޔާރު ވާނެ ކަމަށާއި އަދި ހަދިޔާ ކުރާ ތަކެތި އިތުރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.