31 Jul 2013, 15:36
ޖަރުމަނުގައި އަންހެނަކު އާދަޔާ ހިލާފަށް ބަރު އަންހެން ކުއްޖަކު ވިހައިފިއެވެ.
އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުނިގޮތުގައި ޖަސްލީން ނަމަކަށް ކިޔުނު މި ކުއްޖާ ވިހެއިރު ބަރުދަނުގައި 6.11 ކިލޯގްރާމް ހުއްޓެވެ. އަދި އެއަށް ވުރެ އާދަޔާ ހިލާފު ކަމަކަށް ވީ، އަލަށް ވިހާ ކުއްޖެއްގެ އާދައިގެ ބަރުދަނަށް ވުރެ ގާތްގަނޑަކަށް ދެގުނަ ބަރުދަން ހުރި އެކުއްޖާ ވިހާފައި ވަނީ ސިޒޭރިއަންއެއް ނަހަދައި ކަމަށް ވުމެވެ.
ޖަސްލީން ވިހާފައި ވަނީ ޖަރުމަނުގެ ލައިޕްޒިގް ސިޓީގަ އެވެ. ރިޕޯޓުތައް ބުނާގޮތުން ވިހޭ އިރު އޭނާގެ ބަރުދަނުގައި 6.11 ކިލޯގްރާމް، އަދި ދިގުމިނުގައި 23 އިންޗި (1.92 ފޫޓު) ހުއްޓެވެ.
ޖަސްލީން އަށް ވިހަން ތައްޔާރުވެ އެނާގެ މަންމަ، 31 އަހަރުގެ މަރިއްޔާ ހޮސްޕިޓަލަށް ދިޔަ ދުވަހު އޭނާ ވަނީ ވިހައިފަ އެވެ. މަރިއްޔާ ބުނީ އެނާއަށް ކުރިން ލިބިފައިވާ ދެކުދިންގެ ބަރުދަން ވެސް އަލަށް ލިބުނު ޖަސްލީންގެ ބަރުދަނަށް ވުރެ ތިންބައިކުޅަ އެއްބައި ލުއިކަމަށެވެ.
"މީނަގެ ސައިޒާ މެދު އަހަރެންވެސް ހައިރާންވި. އަހަރެންގެ 11 އަހަރުގެ އަންހެން ދަރިފުޅު ވިހޭއިރު މީނަގެ ބަރުދަނަށް ވުރެ ތިންބައިކުޅަ އެއްބައި ލުއި. އަހަރެންގެ ދެ އަހަރުގެ ފިރިހެން ކުއްޖާ އަދި އެއަށްވުރެ ވެސް ލުއި. މިފަހަރު އަހަރެންގެ ބަނޑު މާ ބޮޑުވި، އެކަމަކު މިހާ ބޮޑު ޖަޔަންޓު ބޭބީ އެއް އޮތެކޭ ހިޔެއް ނުކުރަން،" މަރިއްޔާ ބުންޏެވެ.
ޑޮކްޓަރުން ބުނި ގޮތުގައި އެ ތުއްތު ކުއްޖާ އެހާ ބަރުވާން ދިމާވީ އެނާގެ މަންމަގެ ގައިގައި ހުރި ބައްޔެއްގެ ސަބަބުން ކަމަށެވެ. ހަކުރުބަލީގެ ވައްތަރެއް ކަމަށްވާ ގެސްޓޭޝަނަލް ޑައިބީޓީސް ކިޔުނު އެ ބައްޔަށް ފަރުވާ ނުކުރެވި ހުރެއްޖެނަމަ ވިހާ ދަރިފުޅު އާދަޔާ ހިލާފަށް ބޮޑުވުމަށް ދިމާވާ ކަމަށް ޑޮކްޓަރުން ބުނެއެވެ.
ޖަސްލީން އަކީ ޖަރުމަނު ވިލާތަށް މިހާތަނަށް ވިހި އެންމެ ބަރު ކުއްޖާއެވެ. ރެކޯޑުތަކުން ދައްކާގޮތުން ޖަރުމަނަށް އެންމެ ފަހުން ވިހި އެންމެ ބަރު ކުއްޖަކީ ޖިހާދު ނަމަކަށް ކިޔުނު ކުއްޖެކެވެ. 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވިހެއި ޖިހާދުގެ ގައިގައި 5.9 ކިލޯގްރާމް ހުއްޓެވެ. ނަމަވެސް މިއީ ދުނިޔޭގެ ރެކޯޑަށްވުރެ 4.5 ކިލޯގްރާމް ލުއި އަދަދެކެވެ.
ޖަސްލީން އަދި އޮތީ ނޮންނޭޓަލް އައިސީޔޫ ގައި ކަމަށާއި އެނާގެ ހާލު ރަނގަޅު ކަމަށް ޖަސްލީން ވިއްސި ލައިޕްޒިގް ޔުނިވަރސިޓީ ހޮސްޕިޓަލުން ބުންޏެވެ.