މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޯންޏެއްގެ ރަޖިސްޓްރީ ބަދަލުކޮށްދީ ނާޖާއިޒު ފައިދާ ހޯދައިދިން މައްސަލައެއްގައި ބ. ތުޅާދޫ ކައުންސިލްގެ ރައީސް އާއި އެ އަތޮޅު ކެންދޫ ކައުންސިލްގެ ޒިންމާދަރު ވެރިޔާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދުގެ މައްޗަށާއި ކެންދޫ ކައުންސިލްގެ ޒިންމާދަރު ވެރިޔާ އަދި ކުރީގެ ކުޑަ ކަތީބު ޝަހީދާ އާދަމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވީ ކުރިން ބަނދެ ރަޖިސްޓްރީކޮށްފައިވާ ދޯންޏެއް މުޅިން އަލަށް ބަނދެފައިވާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފައިވާ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ތުޅާދޫ ރަންހަދާގޭ އަހުމަދު ޝިފާއުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ކޯން-1" ކިޔާ އުޅަނދަކީ މުޅިން އަލަށް ބަނދެފައިވާ އުޅަނދެއް ނޫން ކަމަށާއި ނަމަވެސް ރަޖިސްޓްރީކޮށްފައި ވަނީ އާ އުޅަނދެއްގެ ގޮތުގައި ކަމަށެވެ. އަލަށް ބަނދެފައިވާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އަސާސެއްގެ ގޮތުގައި ބަލާފައި ވަނީ، އުޅަނދު ބަނުމަށް ހުއްދަ ދިނުމަށް މާވަޑިމީހާ ދީފައިވާ "މާވަޑިޔާ ސެޓްފިކެޓް" ކަމަށް ވެސް އޭސީސީ އިން ބުންޏެވެ. ނަމަވެސް އެ ސެޓްފިކެޓަކީ މުޅިން އަލަށް ބަނދެފައިވާ އުޅަނދަކަށް ދޫކޮށްފައިވާ ސެޓްފިކެޓެއް ނޫންކަން އެ ސެޓްފިކެޓް ދޫކުރި ފަރާތުގެ އިއުތިރާފުން އެނގޭ ކަމަށެވެ.

އަދި މާވަޑިޔާ ދޭ ސެޓްފިކެޓްގައި ހުރި މައުލޫމާތުތައް ޗެކްކޮށް، ކައުންސިލް އިދާރަގެ ސްޓޭމްޕް ޖަހައި ސޮއިކޮށްފައި ވަނީ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އޭނާގެ އެ އަމަލަކީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަން މައްސަލައިގެ ތަހުގީގުން އެނގޭތީ، ކޮރަޕްޝަނުގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.

އޭސީސީ އިން ބުނީ ޝިފާއުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ކޯން1" އުޅަނދަކީ ކެންދޫ އަމިއްލަ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، "ފަށަން" ނަމަކަށް ކިޔާ އުޅަނދެއް ކަމަށެވެ. އަދި އެފަރާތް ނިޔާވުމުން ތަރިކައިން އެ އުޅަނދު ލިބުނު ފަރާތުން އެ އުޅަނދު އެހެން ދެ ފަރާތަކަށް ވިއްކާފައިވާ ކަމަށާއި ވިއްކުމަށް ފަހު، އެ އުޅަނދުގެ ރަޖިސްޓްރީ އުޅަނދު ގަތް ފަރާތުގެ ނަމަށް ބަދަލުކޮށްފައިނުވާ ކަމަށެވެ.

އުޅަނދު ވިއްކިތާ އެތައް ދުވަހެއް ފަހުން އުޅަނދުގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާ ކަމަށާއި އުޅަނދުގެ ރަޖިސްޓްރީ ބާތިލު ކުރުމުގައި އަސާސެއް ކަމަށް ބަލާފައި ވަނީ ބައުވެ ހަލާކުވުން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ. އަދި ފަށަން ދޯންޏަކީ ބައުވެ ހަލާކުވުމުގެ ސަބަބުން ނުދުއްވިގެން އުވާލާފައިވާ ދޯންޏެއް ކަމަށް ބަޔާންކޮށް ކެންދޫ އޮފީހުން އަށެއް ޑިސެމްބަރު 2010ގައި ދޫކޮށްފައިވާ ލިޔުމުގައި ސޮއިކޮށްފައި ވަނީ، ކެންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަދި އޭރުގެ ކުދަ ކަތީބު ޝަހީދާ އާދަމް ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ލިޔުން ހަވާލު ކުރމުގެ ކުރިން އެ ދޯންޏަކީ ބާވެ ހަލާކުވެފައިވާ ދޯންޏެއްތޯ ބަލާފައިނުވާ ކަން ޝަހީދާ އާދަމްގެ އިއުތިރާފުން އެނގޭ ކަމަށެވެ.

އޭސީސީން ބުނީ ލިޔުން ދޫކުރި އިރު، ފަށަން ދޯނި ކެންދޫ ނުގެންގުޅޭ ކަމާއި އޭރު އެދޯނި ގެންގުޅެނީ ތުޅާދޫގައި ކަން ޝަހީދާ އާދަމް އަށް އެނގިފައިވާ ކަމަށް ތަހުގީގުގައި ބުނެފައިވާ ކަމަށެވެ. އަދި ޝަހީދާ އާދަމްގެ އެ އަމަލަކީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށްވާތީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން އަދި ބުނީ ފަށަން ނަމަކަށް ކިޔާ އުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރުމުގައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ދޮގު މައުލޫމާތުދީ މަކަރާއި ހީލަތް ހަދާފައިވާ ކަން އެ މައްސަލައިގެ ތަހުގީގުން އެނގޭތީ ކެންދޫ ފިނިފެންމާގެ މުހައްމަދު އަބުދުﷲގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.