ނ. މިލަދޫ ކައުންސިލްގެ މެމްބަރު ނަސްރުﷲ މުހައްމަދުގެ ހަ މަހުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި 65،220ރ. ދިނުމަށް އެ އަތޮޅު މަނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

މަނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ މިލަދޫ ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތުން ނަސްރުﷲ އަށް މަސައްކަތް ކުރުމުގެ ފުރުސަތު މިލަދޫ ކައުންސިލުން ދީފައިނުވާކަން ޝަރީއަތަށް ހުށަހެޅުނު ލިޔުންތަކުން ރަނގަޅަށް އެނގެން އޮންނަ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ނަސްރުﷲގެ މުސާރަ އާއި އިނާޔަތް ނުދެވި ވަނީ އޭނާ އޮފީހަށް ނުނިކުންނަވާތީ މުސާރަ ދިނުމަށް ފުރިހަކުރަންޖެހޭ ޑޮކިއުމެންޓްތައް ފުރިހަމަކުރެވިފައި ނުވާތީ ކަމަށް މިލަދޫ ކައުންސިލުން ބުނި ނަމަވެސް ވަޒީފާ އަށް ނުކުމެ ކައުންސިލަރެއްގެ ގާނޫނީ ވާޖިބު އަދާކުރެވޭނެ ގޮތް ނުވެގެން ނަސްރުﷲ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ނަސްރުﷲ ހުށަހެޅި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ލޯކަލް ގަވާމެންޓް އޮތޯރިޓީން އެންގި ހުރިހާ އެންގުމަކަށް ވެސް މިލަދޫ ކައުންސިލުން ތަބާވެފައި ނުވާތީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ނަސްރުﷲ އަށް ހައްގުވާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި އޭނާ އަށް ދިނުމަށް މަނަދޫ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.