ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އަށް އެކިއެކި ފަރާތްތަކުން ދީފައިވާ ބަޔާންތައް ދައުލަތުގެ ސިއްރެއްގެ ގޮތުގައި ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ނިންމަވައިފި އެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ސަން އަށް ވިދާޅުވީ ކޯނީ އަށް އެކިއެކި ފަރާތްތަކުން ދީފައިވާ ބަޔާންތަކާއި އޯޑިއޯ އަދި ވީޑިއޯތައް 25 އަހަރަށް ދައުލަތުގެ ސިއްރެއްގެ ގޮތުގައި ބެހެއްޓެވުމަށް ހަމަޖައްސަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

ނާޒިމް ވިދާޅުވީ ރައީސް ވަހީދުގެ އެ ނިންމެވުމާ ގުޅިގެން އެތަކެތި ޑިފެންސްގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެތަކެތި އަދި ހުރީ ޑިފެންސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މާއްދާގެ (ށ) ގައި ވަނީ "އެ މައުލޫމާތެއް ހާމަކޮށްފި ކަމުގައިވާ ނަމަ ސިއްރު ނުހިފެހެއްޓި ކަމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލިދާނެ ފަދަ މައުލޫމާތު" މިހެންނެވެ. އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ "އެ މައުލޫމާތު ހާމަކޮށްފި ކަމުގައިވާ ނަމަ ދެން އޭގެ ފަހުން ސަރުކާރަށް އެފަދަ މައުލޫމާތެއް ލިބުމަށް ހުރަސް އެޅިދާނެ ފަދަ މައުލޫމާތު،" މިހެންނެވެ.

ރައީސް އޮފީހުގެ މީޑިއާ އޮފިޝަލް މަސްޢޫދު އިމާދު މިއަދު ވިދާޅުވީ ރައީސްގެ އެގޮތަށް ނިންމެވީ ކޯނީއަށް އެކިއެކި ބޭފުުޅުން ދެއްވާފައިވާ ތެދު މައުލޫމާތު އާއްމުނުކުރާނެ ކަމަށް އެފަރާތްތަކަށް ކޯނީން ދީފައިވާ ގެރެންޓީއާ އެއްގޮތަށް އަމަލްކުރުމުގެ ގޮތުން ކަމަށެވެ.

"ކޯނީގެ ތެދު މައުލޫމާތު ނެރުމަށް ނެގި ބަޔާންތަކާ އެއްޗެހި ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އެއިރެއްގައި އޮތް ސަރުކާރެއްގެ މައްޗަށް ވާޖިބެއް، އެހެންވެ އެ ބަޔާންތައް ދީފައިވާ ފަރާތްތަކުގެ ނަންތަކާއި ބަޔާންތައް ހާމަކޮށްފި ނަމަ އެފަރާތްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް ކޮށްފައިވާ ކަމެއް އެއީ،" މަސްއޫދު ވިދާޅުވި އެވެ.

އއ. އަތޮޅާއި އދ. އަތޮޅު އަދި ވ. އަތޮޅުގެ އެމްޑީޕީ ޖަގަހަތައް ހުޅުވުމަށް ރޭ އެ ޕާޓީން މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ކޯނީ އަށް އެކިއެކި ފަރާތްތަކުން ދީފައިވާ ބަޔާންތައް ޑިފެންސް މިނިސްޓަރު ނާޒިމްގެ ބެލުމުގެ ދަށުގައި ރައީސްގެ ގަރާރަކުން ބަހައްޓާފައި ހުރި ނަމަވެސް، މި އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު އާ ގަރާރަކުން އެމްޑީޕީން އެބަޔާންތައް ހާމަކުރާނެ ކަމަށެވެ.