31 Jul 2013, 13:54
އެމްޓީސީސީ އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި 4.6 މިލިއަން ރުފިޔާ ގެ ގެއްލުމަކާ ކުރިމަތިވެއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީ އިން މިއަދު އާންމުކުރި އެ ކުންފުނީގެ ދެ ވަނަ ކުއާޓަރުގެ ތަފާސް ހިސާބްތަކަށް ބަލާ އިރު އެ ކުންފުނިން 138 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 17 މިލިއަން ރުފިޔާ ލިބިފަ އެވެ. ނަމަވެސް ހަރަދަށް ކަނޑާ އެ ކުންފުންޏަށް ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ އެއް މިލިއަން ރުފިޔާ އެވެ. އަދި ފައިސާ ހޯދުމަށް ކުރަން ޖެހުނު ހަރަދު ކެނޑުމުން އެ ކުންފުއްޏަށް ވަނީ 4.6 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާންޖެހިފަ އެވެ.
މިދިޔަ އަހަރުގެ އެމުއްދަތުގައި އެ ކުންފުންޏަށް ވަނީ 4.2 މިލިއަން ރުފިޔާގެ ފައިދާއެއް ވެފަ އެވެ. އަދި މިއަހަރުގެ ވެސް ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 3.3 މިލިއަން ރުފިޔާގެ ފައިދާއެއް ވެފަ އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު އެ ކުންފުނީގެ ދަރަނި ހުރީ 304 މިލިއަން ރުފިޔާގަ އެވެ. އަދި އެ ކުންފުނީގެ ޖުމުލަ ރައުސުލްމާލުގައި ހުރީ 561 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީ އަށް މި އަހަރުގެ ދެ ވަނަ ކުއާޓާގައި ގެއްލުންވެފައިވާއިރު އެމްޓީސީސީ އިން ބުނީ އެ ކުންފުންޏަށް ގެއްލުންވުމުގެ މައިގަނޑު ސަބަބަކީ ބޮޑު ހިލަ ނުލިބުމުގެ ދަތިކަން ދިމާވުމެވެ. އަދި އެމައްސަލަ ހައްލުކުރުމަށް މިހާރު އެކުންފުނިން އިތުރު ޓެކްނޮލޮޖީއެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް އެކުންފުނީގެ ސީއީއޯ އަދުހަމް ވަނީ ވިދާޅުވެފަ އެވެ.
އެމްޓީސީސީގައި ސަރުކާރުގެ 47.8 ޕަސެންޓް ހިއްސާވާއިރު އާންމު ރައްޔިތުންގެ 44.7 ޕަސެންޓްގެ ހިއްސާ އާއި އެމްއެންއެސްއެލް ގެ 7.5 ޕަސެންޓް ހިއްސާ ހިމެނެ އެވެ.