މި އަހަރުގެ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ޓަކައި އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށާއި މި އަހަރު އޮންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ރައީސް ޑރ. މުހައްމަދު ވަހީދުގެ ކޯލިޝަނުން ބުނެފި އެވެ.

ކުރީގެ ރައީސް ނަޝީދު އިންޑިއާ އަށާއި ސައުދީ އަރަބިއްޔާ އަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން މިއަދު ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ވަކި ބަޔަކު ބުނާ ގޮތަށް މިއަދު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ތަރުޖަމާން އަބްދުއްރަޝީދު ނާފިޒް ވެސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާ ދޭތެރޭ އެ ކޯލިޝަނުން ހިތްހަމަޖެހޭ ކަމަށާއި އަދި މި އަހަރުގެ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ވާނެކަމަށް ޔަގީން ކުރައްވާކަމަށެވެ.

"މިވަގުތު އިލެކްޝަންސް ކޮމިޝަންގައި އެތިއްބެވީ ވަރަށް ގާބިލު އިންސާފުވެރި ބޭފުޅުންތަކެއް، އަޅުގަނޑުމެންނަށް އެ ބޭފުޅުންނާ ދޭތެރޭ އިތުބާރު އެބައޮތް،" ނާފިޒް ވިދާޅުވި އެވެ.

ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކަށް އިޝާރަތްކުރައްވައި ނަޝީދު ވިދާޅުވީ އަބްދުﷲ ޔާމީން ވިދާޅުވާހާ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"ޕީޕީއެމްގެ އިސްވެރިން، އަދި އަބްދުﷲ ޔާމިން ބޭނުންވާ ގޮތެއް ވިދާޅުވީމަ އަޅުގަނޑަށް ހިޔެއްނުވޭ މިހާރަކު އިލެކްޝަންސް ކޮމިޝަނުން ހައްދަވާނެހެނެއް. އިލެކްޝަންސް ކޮމިޝަނަކީ މުސްތަގިއްލު މުވައްސަސާއެއް. އަޅުގަނޑުމެނަށް ފެނިގެންދިޔައީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރު ވެސް ވަރަށް ރަނގަޅަށް ހިންގެވިތަން. އަދި އޭގެ ފަހުގައި ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަދި ހަނދާންވާ ގޮތުގައި 50 ބައި އިލެކްޝަންސް ކޮމިޝަނުން ބާއްވައިފި. އެ ހުރިހާ އިންތިހާބެއްގައި ވެސް އިލެކްޝަންސް ކޮމިޝަނުން ވަރަށް ރަނގަޅަށް މަސައްކަތް ކުރި. މި ރިޔާސީ އިންތިހާބުގައި ބައިނަލް އަގުވާމީ އޮބްޒާވަރުންގެ އަދި ބައިނަލް އަގުވާމީ ބޭފުޅުންގެ އެހީތެރިކަން އިލެކްޝަންސް ކޮމިޝަނަށް އެބަ ލިބޭ. އަޅުގަނޑު ދެކޭ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްދާނީ ރަނގަޅަށް. އަދި އިންސާފުވެރި އިންތިހާބެއް ބޭއްވިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިންޑިޔާ އަށް ވަޑައިގެން އެގަމުގެ ބޮޑު ވަޒީރާ ބައްދަލުކުރެއްވުމަށް ހަމަ ޖެހިފައިވާ އިރު ޓްވެންޑްރަމްގައި ތިބި އެމްޑީޕީގެ ކެމްޕެއިން ޓީމާ ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އިންޑިޔާގެ ބޮޑު ވަޒީރާ ބައްދަލުކުރެއްވުމަށް ފަހު ރާއްޖެ އާއި އިންޑިޔާގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އަށް ވަޑައިގަންނަވަނީ އުމްރާއެއް ކުރެއްވުމަށެވެ.