31 Jul 2013, 13:36
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބަންޑާރަ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރު ބަންޑާރަ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާޒިމާ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 38 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 31 މެންބަރުންނެވެ.
އާޒިމާ ބަންޑާރަ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ނުލިބުމުންނެވެ.
މިއަދު ވޯޓު ނެގުމުގެ ކުރިން ޕީޕީއެމް އިން ވަނީ ތްރީލައިން ވިޕެއް ނަގައި އާޒިމާ އަަށް ވޯޓު ދިނުމަށް ނިންމައިފަ އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ އާޒިމާ އަކީ ބަންޑާރަ ނައިބު ކަމުގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށާއި އެކަން އާޒިމާ ވަނީ މީގެ ކުރިން ވެސް ސާބިތުކޮށް ދެއްވާފައި ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ވެސް އާޒިމާ ބަންޑާރަނައިބު ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ކަމަށެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ އާޒިމާ އަށް ރުހުންދޭން ނުފެންނަ ކަމަށް މަސްއޫލިއްޔަތު ކޮމެޓީން ނިންމެވީ ކީއްވެގެންކަން އެއް ގޮތަކަށް ވެސް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެކަން ކޮމެޓީގެ ރިޕޯޓުން ވެސް ސާފުނުވާ ކަމަށް އާމިރު ވިދާޅުވި އެވެ.
މިއަދުގެ ބަހުސުގެ މަރުހަލާގައި ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުން ވިދާޅުވީ އެއްްފަހަރު ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ބޭފުޅަކަށް ދެ ވަނަ ފަހަރު ރުހުން ހޯދަން ހުށަހަޅައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ބައެއް ބޭފުޅުން ވިދާޅުވީ އެމްޑީޕީ ސަރުކާރު އޮތް އިރު ވެސް އެއް ފަހަރު ރުހުން ނުލިބިވާ ބޭފުޅުންނަށް ދެ ވަނަ ފަހަރަށް ރުހުން ހޯދުމަށް ހުށަހަޅައި އަދި ފާސްވެސް ކޮށްފައިވާ ކަމަށެވެ.
އިދިކޮޅު އެމްޑީޕީން މިއަދު ވޯޓު ދިނީ އާޒިމާ އަށް ރުހުން ދޭން ނުފެންނަ ކަމަށެވެ.