ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޖާޒީ އުފެއްދުމާއި އަދި އޭގެ ވިޔަފާރި ކުރުމުގެ ހާއްސަ ހުއްދަ، 1.4 މިލިޔަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި ކުޅިވަރު ސާމާނުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށްވާ ސްޕޯޓްސް ޕަވާއަށް ދީފި އެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި އެއްބަސް ވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ނިއުރޭޑިއަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ. އަދި ސްޕޯޓްސް ޕަވާގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ސީއީސޯ ޚާލިދު އަލީ އެވެ.

ބަލަކް ވިދާޅުވީ، ސްޕޯޓްސް ޕަވާއާއެކު މިއަދު ވެވުނު އެއްބަސްވުމަކީ، އެ ކްލަބަށް ވަރަށް ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށާއި، އަދި ކްލަބްގެ ސަޕޯޓަރުންނަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން މިހާތަނަށް ނުފުއްދި އޮތް ހަމައެކަނި ވައުދުވެސް މިހާރު ފުއްދުނީ ކަމަށެވެ.

"މިއަދަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑުއުފަލެއް ލިބިގެންދާ ދުވަހެއް. ބައިނަލްއަގްވާމީ، ފުޓްބޯޅަ ކްލަބްތައް ހިންގާ އުސޫލުން، އެކްލަބެއްގެ އެކި ތަފާތު ކިޓްތަކާއި، ކުޅުންތެރިން އެކި ގަޑީގަލާ ކިޓްތައް އަދި ސަޕޯޓަރުންނަށް ބޭނުންވާނެ މާޗެޑައިޒް، މިއަންނަ އަހަރުން ފެށިގެން އެއް ފިހާރައަކުން، ފަސޭހައިން ލިބޭގޮތް ހަމަޖެހުން އެއީ މިއަދު އަޅުގަނޑު މި މަގާމާ ހަވާލުވި ފަހުން، ސަޕޯޓަރުންނަށް ވައުދުވެ ހަމައެކަނި ނުފުއްދި އޮތް ކަންތައް،" ނިއުގެ ޗެއާމަން ވިދާޅުވި އެވެ. "އަޅުގަނޑުމެން ދެއަހަރު ދުވަހުގެ އެއްބަސްވުމަކަށް ސްޕޯޓްސް ޕަވާއާއެކު މިދިޔައީ، އަޅުގަނޑުމެން ހީކުރި ވަރަށްވުރެ ވެސް ރަނގަޅު އެއްބަސްވުމެއްގައި. އަދި ކްލަބަށް މީގެއިން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ."

ބަލަކް ވިދާޅުވީ މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިމުމުން ނިއުއިން ބާއްވާ އެ ކްލަބްގެ ގޯލްޑް ނައިޓްގައި އާ ކިޓްތައް ތައާރަފް ކުރާނެ ކަމަށާއި އަދި ޕްރީ- ސީޒަންގައި ބޭރު ގައުމުތަކުގައި ވެސް ކްލަބްތަކުގެ ޖާޒީ ލިބެން ހުންނަ ފަދައިން ސްޕޯޓްސް ޕަވާއިން ނިއުގެ ޖާޒީއާއި އެހެނިހެން ތަކެތި ގަންނަން ލިބެން ހުންނާނެ ކަމަށެވެ. އަދި ނިއުއަށް ހެޔޮއެދޭ ފަރާތްތަކުން ކުޅިވަރަށް ބޭނުންވާ ސާމާނުތައް ގަންނައިރު ސްޕޯޓްސް ޕަވާ އިހްތިޔާރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޕޯޓްސް ޕަވާގެ ވެރިޔާ ޚާލިދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބުން ރާއްޖޭގެ ބްރޭންޑެއް ބަލައިގަތް ކަމީ، އެ ބްރޭންޑާ ދޭތެރޭގައި ކަސްޓަމަރުންގެ އިތުބާރު ބޮޑުވެ އަދި ރާއްޖެއިން ބޭރުގައި ވެސް ސްޕޯޓްސް ޕަވާ ޕްރޮމޯޓް ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.

"ނިއުރޭޑިއަންޓް ސްޕޯޓްސް އަޅުގަނޑުމެންނާ އެކު މި އެއްބަސްވުމުގައި ސޮއިކުރި ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މިއީ. އަދި ދިވެހި ރާއްޖެއިން ބޭރުގައި އަޅުގަނޑުމެންނަށް މި ބްރޭންޑް ލޯންޗު ކުރުމުގެ ފުރުސަތު ލިބިއްޖެ،" ހާލިދު ވިދާޅުވި އެވެ.

ބަލަކް ވިދާޅުވީ ނިއުރޭޑިއަންޓުން ސްޕޯޓްސް ޕަވާއާއެކު އެއްބަސްވި އިރު ބޮޑަށް ބައްލަވާފައި ވާނީ، ކުޅުންތެރިން ހިތްހަމަ ޖެހޭފަދަ ކިޓެއް ކުޅުންތެރިންނަށް ހޯދައި ދެއްވުމަށް ކަމަށާއި އަދި ކްލަބަށް ވެސް އޭގެ ފައިދާ ކުރާނެ ފަދަ އެއްބަސްވުމަކަށް އައުން ކަމަށެވެ.

ޚާލިދު ވިދާޅުވީ، އެތަނުން އުފައްދާ ނިއުގެ ޖާޒީއަކީ ބައިނަލްއަގްވާމީ މިންގަނޑުގައި ގަބޫލު ކުރާފަދަ ކޮލިޓީއަކަށް ވާނޭ ކަމަށާއި އަދި ޖާޒީތަކުގެ އަގު، 400 ރުފިޔާއަށް ވުރެ މައްޗަށް ނުދާނެ ކަމަށެވެ.

ސްޕޯޓްސްޕަވާއިން ނިއުގެ ސިނިއާ ޓީމް ޖާޒީއާއި، އެހެނިހެން ކިޓްތަކާއި، ޔޫތު ޓީމްގެ ޖާޒީގެ އިތުރުން ވެޓަރަންސް ޖާޒީވެސް އުފެއްދުމަށް ނިންމާފައިވާއިރު އެފަރާތުން ބުނީ، އަންނަ ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި ސްޕޯޓްސް ޕަވާ ފިހާރައިން އެތަކެތި ގަންނަން ލިބެން ހުންނާނެ ކަމަށެވެ.