އެސްޓީއޯ އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ 29 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެ ކުންފުނިން ނެރުނު މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި .8 151 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި 64.1 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 34.3 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 96.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 330.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ފައިދާގެ ގޮތުގައި 8.96ރ. ޖެހިފައިވެ އެވެ. ދެވަނަ ކުއާޓަރުގައި ފައިދާ އިތުރުވި ނަމަވެސް މިއީ ފުރަތަމަ ކުއާޓަރަށްވުރެ މަދު އަދަދެކެވެ. ފުރަތަމަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައި ވަނީ 15ރ. އެވެ.