31 Jul 2013, 13:11
ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މއ. މަޒާގޭ އިބްރާހީމް ރިޔާޒުގެ މައްޗަށް ދައުލަތުން ކުރި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ރިޔާޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ ގޮތުގަ އާއި އިވެލުއޭޝަން ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހުންނަވައިގެން ކޮމެޓީ އަށް ލިބިގެންނުވާ ބާރުތަކެއް ބޭނުން ކުރައްވައި ތިލަފުށި ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑް މޯލްޑިވްސް އަށް ނާޖާއިޒު ފައިދާ ހޯއްދަވައި ދެއްވުމުގެ މަގުސަދުގައި ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއު ހެވީލޯޑަށް އެވޯޑުކޮށްފައިވާ ކަމަށެވެ. އަދި މޮބިލައިޒޭޝަން ޕޭމަންޓްގެ ގޮތުގައި ތިލަފުށީ ކޯޕަރޭޝަނުން 38.6 މިލިއަން ރުފިޔާ ހެވީލޯޑަށް ދޫކޮށްފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ރިޔާޒުގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެގޮތަށް އެދުމުން ކަމަށެވެ.
ކްރިމިނަލް ކޯޓުން ކުރިން ބުނެފައި ވަނީ ރިޔާޒުގެ ޝަރީއަތް މިހާތަނަށް ކުރިއަށް ގެންދެވިފައި ނުވަނީ އޭނާ އުޅޭތަނެއް ނޭނގޭތީ ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ ކަމަށެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރިޔާޒު މިއަދު ވިދާޅުވީ އޭނާ ކޯޓަށް ހާޒިރުވެފައި ނުވަނީ ސިންގަޕޫރުގައި ހުންނެވުމުން ކަމަށާއި އެކަން އީމެއިލް މެދުވެރިކޮށް ކޯޓަށް އަންގާފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެ މައްސަލައިގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުން ވެސް އެކަން ކޯޓަށް އަންގާފައިވާނެ ކަމަށެވެ.
މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަތީ އަމިއްލައަށް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ކޯޓަށް ހާޒިރު ކުރިކަމަށް ދެކެވޭ ވާހަކަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
އޭނާގެ އިތުރުން ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ ބޯޑު މެމްބަރުން ކަމަށްވާ ގ. ރަންގިރިޓީގޭ މުހައްމަދު ވާފިރާއި މއ. ރާހާ އަހުމަދު އަދުލީ ރަޝީދުގެ މައްޗަށް ވެސް އެ މައްސަލައިގައި ވަނީ ދައުވާ އުފުލާފަ އެވެ.
އެ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހެވީލޯޑާ ހަވާލުކޮށްފައި ވަނީ 21 މިލިއަން ޑޮލަރު (323 މިލިން ރުފިޔާ) އަށެވެ. ނަމަވެސް ފަހުން ވަނީ މަސައްކަތް މެދު ކަނޑާލުމަށް ފަހު، އެ ތަނުގައި ބޭނުން ކުރި ކޮންނަ ބޯޓު އެހެން ސަރަހައްދަކަށް ގެންގޮސްފަ އެވެ.