ބ. ދަރަވަންދޫ އިންޖީނު ގޭގެ ތިޖޫރި ހަލާކުކޮށްލައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އިއްޔެ ރޭ އެ ރަށު އިންޖީނުގޭގެ ތިޖޫރީ ފަޅާލައިގެން 75،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

ތިޖޫރީން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އެ ހަތަރު މީހުންގެ ތެރޭ ދަރަވަންދޫ އިންޖީނުގޭގައި މަސައްކަތްކުރާ މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރު ކަމަށެވެ.

އަދި އެ މީހުން ހައްޔަރުކުރަން މަސައްކަތްކުރުމުން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިމަންތެރިވި ދެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ތެރޭ ހިމެނެނީ 23 އަހަރުގެ މީހަކާއި 16 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ.

ދަރަވަންދޫ އިންޖީނު ގޭގެ ތިޖޫރި ހަލާކުކޮށްލައިގެން ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައާއި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިމަންތެރިވި ދެ މީހުންގެ މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.