31 Jul 2013, 13:01
ޤާހިރާ (ޖުލައި 31) : މަޤާމުން ދުރުކުރުމަށް ފަހު ހައްޔަރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީ އާ އެފްރިކާގެ އިއްތިޙާދާއިޔޫރަޕްގެ އިއްތިޙާދުގެ މަންދޫބުން ބައްދަލުކުރައްވައިފި އެވެ. ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ކެތްރިން އެޝްޓަން ވިދާޅުވީ މުރުސީ ހައްޔަރުކޮށްފައިވާތަނެއް އެނގިވަޑައިނުގަންނަވާ ކަމަށާ ނަމަވެސް އިއްޔެ މުރުސީއާ ދެ ގަޑި އިރުވަންދެން ބައްދަލުކުރައްވައި ވަރަށް ސަރީޙަކޮށް އޭނާއާ މަޝްވަރާ ކުރެއްވި ކަމުގަ އެވެ.
ކެތްރިން ވިދާޅުވީ މުރުސީ ހައްޔަރުކޮށްފައި ވަނީ ހުރިހާ ޚިދްމަތްތަކެއް ލިބޭތަނެއްގައި ކަމަށާ މިގޮތުން ޓީވީ އާއި ނޫސްފަދަ މީޑިޔާގެ ޚިދްމަތްތައްވެސް މުރުސީ އަށް ލިބިވަޑައިގަންނަވާ ކަމަށާ އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ޙާލުކޮޅު ވެސް ރަނގަނޅު ކަމުގަ އެވެ. އަނެއްކޮޅުން އެފްރިކާގެ އިއްތިޙާދުގެ ވަފްދެއްވެސް އިއްޔެ މުރްސީއާ ބައްދަލުކުރައްވާފައިވާ ކަމަށް މިސްރުން ވަނީ ބުނެފަ އެވެ. މިވަފްދުގެ ވެރިއަކަށް ހުންނެވި ކަމަށް ވަނީ މާލީގެ ކުރީގެ ރައީސް އަލްފާ ޢުމަރު ކޫނާކްރީ އެވެ. މިސްރަށް ގެނައި ޢަސްކަރީ އިންޤިލާބާ ގުޅިގެން އެފްރިކާގެ އިއްތިޙާދުން ވަނީ މިސްރު ސަސްޕެންޑް ކޮށްފަ އެވެ.
މިމަހުގެ ތިން ވަނަ ދުވަހު މިސްރުގެ ސިފައިން ޢަސްކަރީ އިންޤިލާބެއް ގެނަސް މުރުސީ މަޤާމުން ދުރުކުރުމަށް ފަހު އޭނާ ވަނީ ގޮތްނޭނގޭ ތަނެއްގައި ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްފަ އެވެ. އަދި މުރުސީގެ މައްޗަށް ކުރާ ތަޙްޤީޤަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 15 ދުވަހުގެ މުއްދަތަށް މިހާރު އޭނާ ބަންދުގައި ހުންނެވި ކަމަށް މިސްރުގެ ދާޚިލީ ވަޒީރު މުޙައްމަދު އިބްރާހީމް ވިދާޅުވެފައިވެ އެވެ.
އަނެއްކޮޅުން މުރުސީ މިނިވަން ކުރުމަށް ފަރަންސޭސިވިލާތުން އިއްޔެވަނީ މިސްރުގެ ވަގުތީ ސަރުކާރަށް ގޮވާލާފައެވެ. މުރުސީ މިނިވަން ކުރުމަށް ގޮވާލައްވަމުން ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރެން ފެބިއޮސް ވިދާޅުވީ މުރުސީއާއި އެނޫންވެސް ސިޔާސީ ބޭނުންތަކުގައި ހައްޔަރުކޮށްފައިވާ ފަރާތްތައް އަވަހަށް މިނިވަން ކުރުމަށް މިސްރުގެ ސަރުކާރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމުގަ އެވެ. އަދި މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް ވެސް މިސްރުގެ ވަގުތީ ސަރުކާރުގެ ކިބައިން ފެބިއޮސް އެދިވަޑައިގެންނެވި އެވެ. ޕެރިހުގައި ވާހަކަ ދައްކަވަމުން ފަރަންސޭސި ޚާރިޖީ ވަޒީރު ވިދާޅުވީ މިސްރުގެ ސަރުކާރުން މުރުސީ މިނިވަންކުރަން ޖެހޭ ކަމަށާ މިސްރުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ވާހަކަދައްކައިގެންނޫނީ އެގައުމަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުނުކުރެވޭނެ ކަމުގަ އެވެ. ފަރަންސޭސިވިލާތުގެ އިތުރުން އެމެރިކާއާއި ޖަރުމަނުވިލަތާ އަދި ޔޫރަޕްގެ އިއްތިޙާދުން ވެސް ވަނީ މުރުސީ މިނިވަން ކުރުމަށް މިސްރުގެ ވަގުތީ ސަރުކާރަށް ގޮވާލާފަ އެވެ.
މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ މުރުސީ އަލުން ވެރިކަމަށް އިޢާދަކުރުމަށް ގޮވާލައި އަންނަ ހުކުރު ދުވަހު ޤާހިރާގައި މިލިޔަން މީހުންގެ މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އަދި މުރުސީ އަލުން ވެރިކަމަށް އިޢާދަ ނުކުރަނީސް މުޒާހަރާތަކާއި އިޙްތިޖާޖްތައް ހުއްޓާނުލުމަށް ވެސް މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުން ވަނީ ވަޢްދުވެފަ އެވެ. (އަލްޖަޒީރާ)