31 Jul 2013, 12:48
ހަޑިހުތުރު ބަހުން ފުލުހުންނާ މުޚާތަބު ކުރި ގާނޫނީ ވަކީލަކު މައާފަށް އެދިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ އެ ކޯޓަށް ހާޒިރު ކުރި މީހުންނާ އެކު ހާޒިރުވި ފުލުހަކަށް ނިސްބަތްކޮށް ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ހަޑިހުތުރު ބަހުން މުޚާތަބު ކޮށްފައިވާތީ އޭނާގެ ބަޔާން ނެގުމުން އެ ކުށަށް ޝާއިރު މައާފަށް އެދިފައިވާ ކަމަށެވެ.
މަނިކު ވިދާޅުވީ އޭނާ ހަޑިހުތުރުބަހުން ފުލުހަކާ މުޚާތަބުކޮށްފައިވާ ކަމަށް ހަތަރު ފުލުހަކު ބުނެފައިވާ ކަމަށެވެ.
ހަޑިހުތުރު ބަހުން މުޚާތަބު ކުރުމަކީ ކޯޓުގެ ހުރުމަތާއި ޚިލާފު ކަމެއް ކަމަށާއި ނަމަވެސް ޝާއިރުއާ ގުޅޭގޮތުން އެފަދަ ޝަކުވާއެއް ހުށަހެޅުނު ފުރަތަމަ ފަހަރުކަމަށް ވާތީ އޭނާ އަށް ކޯޓުން މައާފް ކޮށްފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން ޝާއިރު ވިދާޅުވީ ފުލުހަކާ ދިމާލަށް ހިތުހުރި ގަޑިއެއްގައި ކޯޓަށް އަންނަ ކަމަށާއި އެ ފުލުސް މީހާގެ އުނދަގޫ ބޮޑުވެއްޖެ ކަމަށް އެހެން އިބާރާތަކުން އޭނާ ބުނެފައިވާނެ ކަމަށެވެ.
އެހެން ބުނެފައިވާތީ ކޯޓުން އޭނައާ ސުވާލު ކުރުމުން އެފަދަ އިބާރާތަކުން ވާހަކަދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކަމަށްވާމަ ކޯޓުގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެފައިވާނެ ކަމަށެވެ.