ހަރާރޭ (ޖުލައި 31): ޒިންބާބުވޭގެ ރިޔާސީ އިންތިޚާބުގައި އެގައުމުގެ ރައްޔިތުން މިއަދު ވޯޓުލަމުން އެބަގެންދެ އެވެ.
ވޯޓުލުން ކުރިޔަށްމިދަނީ މިހާތަނަށް 33 އަހަރު ވެރިކަން ކުރައްވާފައިވާ އެގައުމުގެ ރައީސް ރޮބަޓް މުޤާބޭ މަޤާމުން ދުރުވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވާފައި ވަނިކޮށެވެ. މުގާބޭ ވިދާޅުވެފައި ވަނީ މިއަދު ފެށޭ އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ ދެން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމުގަ އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރިން މަސައްކަތް ކުރެއްވި ގޮތަށް މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް މުގާބޭ ވިދާޅުވެފައިވެ އެވެ.

ޒިންބާބުވޭގެ ރިޔާސީ އިންތިޚާބުގައި އުމުރުން 89 އަހަރުގެ މުގާބޭއާ ވާދަކުރައް ވަނީ އެގައުމުގެ ބޮޑުވަޒީރު 61 އަހަރުގެ މޯގަން ސްވާންގިރާއި އެވެ. މޯގަންއަކީ މުގާބޭއާ އިދިކޮޅު ބޭފުޅެއް ނަމަވެސް އޭނާ އަށް ބޮޑުވަޒީރުކަން ދެއްވައި އޭނާއާ އެކު ބާރުތައް ހިއްސާ ކުރައްވައިގެން މުގާބޭ ވަނީ އެއްދައުރުގައި ވެރިކަން ކުރައްވާފަ އެވެ. މޯގަން ސްވާންގިރާއި އަކީ މުގާބޭގެ ސިޔާސީ ހަތުރެއް ނަމަވެސް ދެ ބޭފުޅުންގެ ގުޅުންތައް މިހާރު ރަނގަނޅު ކަމަށާއި އަދި ފާއިތުވި ދައުރުގައި މޯގަންގެ ބާރުތައް އަތުލައްވައި އޭނާ އެކަހެރި ކުރެއްވުމަށް މުގާބޭ މަސައްކަތް ކުރައްވާފައި ނުވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންތިޚާބު ފެށުމުގެ ކުރިން މޯގަން ސްވާންގިރާއިގެ މޫމެންޓް ފޯރ ޑިމޮކްރެޓިކް ޗޭންޖް ޕާޓީން ވަނީ ވޯޓުގެ ނަތީޖާ އޮޅުވާލުމަށް ރާވާ ކަމުގެ ތުހުމަތު މުގާބޭގެ ޒާނޫ ޕީއެފް ޕާޓީގެ މައްޗަށްކޮށްފަ އެވެ. ނަމަވެސް ޒާނޫ ޕާޓީން ނާއި އިލެކްޝަންސް ކޮމިޝަނުން މިކަން ދޮގުކުރެ އެވެ. ކުރީގެ ރޮޑީޝިޔާގެ ނަމުގައިއޮތް ޒިންބާބުވޭއަކީ ޔޫރަޕްގެ ދޮންމީހުން ވެރިވެގަނެ ދެކުނުއެފްރިކާ ފަދައިން އެގައުމުގެ އަސްލުވަޒަންވެރިން ކަމަށްވާ ކަޅު މީހުން ނިކަމެތިކޮށް އެމީހުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒުގެ އަނިޔާވެރި އަދި އިންސާނިއްޔަތު ކަމެއްނެތް ހަރުކަށި ވެރިކަމެއް ޤާއިމްކޮށް ހުޅަނގުގެ ތާއީދާ އެކު ވެރިކަން ކުރަމުން ގައުމެކެވެ. ޔޫރަޕްގެ ދޮންމީހުންގެ އަތްދަށުން ޒިންބާބުވޭ މިނިވަންކޮށް ދޮންމީހުންގެ ނަސްލި އިމްތިޔާޒުގެ ނިޒާމު ފުނޑުފުނޑު ކޮށްލައި އެގައުމުގެ އަސްލު ވަޒަންވެރިން ކަމަށްވާ ކަޅުމީހުންނަށް އެގައުމު ވެރިކަމާއި މުދަލާއި ބިން އަނބުރައި ހޯދައި ދިނުމުގައި މުގާބޭގެ ދައުރު ވަރަށް ބޮޑެވެ.

ޚާއްސަކޮށް ދޮން މީހުންގެ ނަސްލީ އިމްތުޔާޒުގެ ދުވަސްވަރު އެމީހުން އަތްގަދަކޮށްފައިވާ ޒިންބާބުވޭގެ ދަނޑުބިންތަކާއި އެހެން ގުދްރަތީ ޚަޒާނާތައް ކަޅުމީހުންނަށް އަލުން އަނބުރައި ހޯދައި ދިނުމުގައި މުގާބޭ ގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން ހުޅަނގުގެ ގައުމުތަކުން އަދި ޚާއްސަކޮށް އިނގިރޭސިވިލާތުން މުގާބޭ ދެކެ ވަރަށް ނަފްރަތު ކުރެއެވެ. މިމައްސަލައާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި މުޤާބޭގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.

މުގާބޭގެ ވެރިކަމުގެ 33 އަހަރުގައިވެސް ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރައްވައި ދިގުމުއްދަތަކަށް ވެރިކަމުގައި ދެމިހުންނެވުމަށް މަސައްކަތް ކުރައްވާފައިވެ އެވެ. (ނޫސްއެޖެންސީތައް)