އެމެރިކާގައި ވަޒާފާ ނެތް މީހުންނަށް ވަޒީފާ ހޯއްދަވައި ދެއްވުމަށް ޓަކައި އެ ގައުމުގައި ވަޒީފާތައް އިތުރުކުރުމަށް ރައީސް ބަރަކް އޮބާމާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ވިޔަފާރިތަކުން ނެގޭ ކޯޕަރޭޓް ޓެކްސްގެ މިންވަރު ކުޑަކުރުމަށް މަސައްކަތް ފައްޓަވައިފި އެވެ.

ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށް މީގެ ދެ އަހަރު ކުރިން، ރިޕަބްލިކަނުންގެ އަޣުލަބިއްޔަތު އޮންނަ ކޮންގްރެސްއަށް އޮބާމާ ހުށަހެޅުއްވި ޕަބްލިކް ވޯކްސް ޕްރޮޖެކްޓްތައް އިތުރު ކުރުމާއި މަތީ ތައުލީމުގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމާއި އެޑްވާންސް މެނުފެކްޗަރިން އާއި ސައިންސް ރިސާޗްތަކަށް އިންވެސްޓް ކުރުމުގެ ބިލް އެފަހަރު ވަނީ ކޮންގްރެސްއިން ބޭރުކޮށްލާފަ އެވެ. އެހެން ނަމަވެސް، ޓެކްސް ކުޑަކުރުމާ ބެހޭ ބިލަކީ މީގެ ކުރިން ރިޕަބްލިކަން މެންބަރުންވެސް އެކަމަށް މަސައްކަތް ކުރައްވާފައިވާ ބިލެއްކަމުން މިފަހަރު އެމަސައްކަތް ކުރިއަށް ގެންދެވޭނޭ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށްވެ އެވެ.

އެމެރިކާގެ ހަތަރުވަނަ އަށް އެންމެ ބޮޑު ސްޓޭޓް ކަމަށްވާ ޓެނެސީގެ ޗެޓަނުގާގައި، އެމޭޒަން ޑިސްޓްރިބިއުޝަން ސެންޓަރުގެ ބެކްޑްރޮޕް އެއް ފަހަތުގައި ބޭނުންކޮށްގެން ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ، ގައުމުގައި މުރާލިކަމާ އެކު މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް 21 ވަނަ ގަރުނުގެ އިގްތިސާ ދުގައި ކާމިޔާބީއާ ހަމައަށް ވާސިލްވުމުގެ ފުރުސަތު އޮންނަ ގޮތަށް ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުންނަން ޖެހޭނޭ ކަމަށެވެ.

ވައިޓްހައުސްގެ އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި، އޮބާމާގެ މިފަހަރުގެ ސިޔާސަތަކީ، އިގްތިސާދު ހަރުދަނާ ކުރުމަށް ބޮޑު ބާރަކަށް ވެގެންދާ އިރު ދަށް ޓެކްސް ރޭޓަކަށް އެދިއެދި ތިބި ވިޔަފާރިވެރިންނަށް ވެސް އެކަމުގެ ސަބަބުން ރަނގަޅު މަންފާތަކެއް ލިބިގެންދާނެ އެވެ.

އޮބާމާގެ ޓެކްސް ކުޑަކުރުމުގެ ސިޔާސަތަކީ، ބަޖެޓް ދަރަނި ކުޑަކުރުމަށާއި އިގްތިސާދު ހަރުދަނާ ކުރުމަށް އެމަނިކުފާނުގެ ގެންގުޅުއްވާ ސިޔާސަތުތަކާ ބެހޭ ގޮތުން ރިޕަބްލިކަނުންނާ އެކު އެތަކެއް ބަހުސެއް ކުރެވި ކުރިއަށް ނުދެވުމުން އެންމެ ފަހުން، އެމަނިކުފާނު އަލަށް ހުށަޅުއްވި އިގްތިސާދު ހަރުދަނާކުރުމުގެ ބިލް ބައްޓަންކުރެއްވީ ރިޕަބްލިކަނުންގެ ވިސްނުމާ ވެސް އެއްގޮތަށެވެ.

އޮބާމާގެ ރިޔާސީ އިންތިހާބުގެ ރިޕަބްލިކަން ވާދަވެރިޔާ މިޓް ރޮމްނީ އޭނާގެ އިންތިހާބުގެ ދުވަސް ވަރުގައި ކޯޕަރޭޓް ޓެކްސް ކުޑަކުރާނޭ ކަމަށް ވިދާޅުވެފައިވާ އިރު، އޮބާމާގެ މިފަހަރުގެ ޓެކްސް ޕްލޭނަކީ، އެމަނިކުފާނުގެ ކުރީގެ ޓްރެޜަރީ ސެކްރެޓަރީ، ޓިމޮތީ އެފް ގެއިތްނާ އޮބާމާގެ ކެމްޕެއިން ދުވަސްވަރު ހުށަހެޅި، ކޯޕަރޭޓް ޓެކްސް 35 އިން 28 ޕަސެންޓަށް ކުޑަކުރުމާއެކު ޓެކްސް ނެގޭ އެންމެ ދަށް ރޭޓެއްގެ ގޮތުގައި، މެނުފެކްޗާ ކުރާ ފަރާތްތަކަށް 25 ޕަސެންޓަށް ޓެކްސް ކުޑަކުރުން ހިމެނެ އެވެ.

އޮބާމާގެ ޓެކްސް ކުޑަކުރުމުގެ ސިޔާސަތަށް ޑިމޮކްރޭޓުންނާއި، ރިޕަބްލިކަނުން ވެސް ތާއީދު ކުރާއިރު ދެ ފަރާތުން ވެސް ވަރަށް ބޮޑަށް ބަހުސްކޮށްފައި ވަނީ، ޓެކްސްގެ ނިޒާމް އެއްކޮށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރިޕަބްލިކަނުން ގޮވާލާފައި ވަނީ، ޓެކްސްގެ ނިޒާމަށް ބަދަލެއް ގެނެސްގެން އެއިން ލިބޭ މަންފާ ބަޖެޓް ދަރަނި ކުޑަކުރުމަށް ބޭނުން ކޮށްގެން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި އެ ބޭނުން ކުރަންޖެހޭނީ، އިގްތިސާދު ހަރުދަނާކުރުމަށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކަށް އިންވެސްޓްކުރުމަށް ކަމަށެވެ.

ރައީސް އޮބާމާ ނިސްބަތްވެވަޑައިގަންނަވާ، ޑިމޮކްރޭޓުން ދެކެވަޑައިގަންނަވާ ގޮތުގައި، ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލެއްގެ ސަބަބުން ލިބޭ އާމްދަނީ، ކޯޕަރޭޓް ޓެކްސް ކުޑަކުރުމަށް އެހީއެއްގެ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން، އެއިން ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ދަރަނި ކުޑަކުރުމަށް ވެސް ބޭނުން ކުރެވެން ޖެހޭނެ އެވެ.