31 Jul 2013, 11:37
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލްގެ އެންމެ އިސް ކަމަކަށް ވާނީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާ ގުޅިގެން ހިންގަން ރާވާފައިވާ ލޯން ޕްރޮގްރާމް ތަންފީޒު ކުރުން ކަމަށް އެ ކައުންސިލްގެ ރައީސް އަދި އިކޮނަމިކް މިނިސްޓަރު އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީގައި ރޭ ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް ރޭ ވިދާޅުވީ، އެ ބައްދަލުވުމަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތަރައްގީ އަށް އެޅިގެންދިޔަ ވަރަށް މުހިއްމު ތާރީހީ ފިޔަވަޅަކަށް ވެގެންދާނޭ ކަމަށެވެ. އަދި ކައުންސިލުން މިވަގުތު އެންމެ އިސް ކަމެއްދޭނީ އޭޑީބީއާ ގުޅިގެން ހިންގުމަށް ޖަމަޖައްސާފައިވާ ލޯން ޕްރޮގްރާމްގެ ދަށުން، ލޯނު ދޫކުރާނޭ ގަވާއިދުތައް ހަދައި ދާއިރާތައް ކަނޑައެޅުން ކަމަށެވެ.
އެ ބައްދަލުވުމުގައި ގާނޫނުގައިވާ ގޮތުގެ މަތިން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލް ހިންގުމަށް އެކުލަވާލަން ޖެހޭ ގަވާއިދުތަކުގެ ޑްރާފްޓްގައި ހުރި ކަންތައްތަކާ ބެހޭ ގޮތުން ކައުންސިލްގެ މެންބަރުން މަޝްވަރާކޮށްފައިވެ އެވެ.
ރޭގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވަނީ، ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް މަގުފަހިކުރުމަށް މިހާރު ސަރުކާރުން ހިންގަމުންގެންދާ ޕްރޮގްރާމްތަކާ ބެހޭ ގޮތުން ކައުންސިގެ މެންބަރުންނަށް މައުލޫމާތު ދީފަ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނުގެ ތިން ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލް އުފައްދަވައި އެ ކައުންސިލަށް މެންބަރުން ހަމަޖައްސެވީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ސާދަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ކައުންސިލްގައި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި މުއައްސަސާތަކާއި ވިޔާފާރީގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތައް ތަމްސީލުކުރާ މަންދޫބުން ހިމަނާފައިވެ އެވެ.