ޓޫރިޒަމް މިނިސްޓްރީގެ އެއާކޮންޑިޝަންތައް ހަލާކުވުމުގެ ސަބަބުން އެ މިނިސްޓްރީގެ މަސައްކަތްތައް ހުއްޓާލައިފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެ މިނިސްޓްރީގެ އޭސީތައް މައްސަލަ ޖެހިފައި ހުންނަތާ މިހާރު މަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސައްކަތް ކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާތީ މިހާރު މުއައްޒިފުން ތިބީ މަސައްކަތް ހުއްޓާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިޖެހެނީ ތެމި ފޯވެގެން މަސައްކަތްކުރަން، އޭސީތައް ހަލާކުވެފައި ހުންނަތާ އެއް މަސް ދުވަސް ވެއްޖެ. ހައްލެއް އަދިވެސް ނުލިބޭ، އެހެންވެ މުއައްޒިފުން އެތިބީ މިނިސްޓރީގެ ދޮރުމަތީގައި މަސައްކަތް ހުއްޓާލައިގެން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މުއައްޒިފުންގެ ޑިމާންޑަކީ ފަންކާތަކެއް ހަރުކޮށްގެން ނަމަވެސް އެމިނިސްޓުރީގެ ތެރޭގައި މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމް ކުރުން ކަމަށެވެ.

އެ މައްސަލާގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތް ހުއްޓާލާފައި ވަނީ އޭސީތައް ހަލާކުވެގެން ކަމަށެވެ.

އޭސީތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން އަދި ހައްލު ކުރެވިފައި ނުވާކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޭސީތައް ހަލާކުވެ މަސައްކަތް ހުއްޓާލާފައިވާ އިރު މިދޭތެރެއަކުން އައިޑީކާޑް ޔުނިޓްއިން ވެސް ވަނީ އެ މައްސަލަ ދިމާވެ ވަގުތީ ގޮތުން ހިދުމަތް ދިނުން ހުއްޓާލާފަ އެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީއިން ވެސް ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކަރަންޓް ކެނޑި އެ އިދާރާގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.