ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް 59 (909 މިލިއަން ރުފިޔާ) މިލިއަން ޑޮލަރަށް ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލްއާ ހަވާލުކޮށްފައިވާ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް އެވޯޑިން ލެޓާ މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުންޏަށް ފޮނުވާފައިވާ ކަމަށެވެ.

"އެ ކުންފުންޏާ އެކު އެގްރިމަންޓްގައި ސޮއިކުރުމުގެ ކުރިން ވެލި ހުރި ތަންތަން ސާވޭ ކުރަން ފަށާނެ. އެގޮތުން އަންނަ މަހުގެ 15ގެ ކުރިން އަންނާނެ އެކަން ސާވޭކުރަން،" އޭނާ ވިދާޅުވި އެވެ. "އެ ސާވޭއަށް ފަހު ފައިނަލް އަގު އެނގޭނީ."

ސުހައިލް ވިދާޅުވީ ޑްރެޖިން އިންޓަނޭޝަނަލް އިން ހުށަހަޅާފައި ވަނީ 240 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުމަށް ފަހު އެއް އަހަރު ދުވަހުގެ ތެރޭގައި ތޮށިލާ ނިންމުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ރަށް ހިއްކަން ފައިސާ ހޯދަނީ މަސައްކަތާ ހަވާލުވާ ކުންފުނިން ކަމަށާއި އެ ކުންފުނިން ފައިސާ ހޯދަނީ ބޭރުގެ ބޭންކަކުން ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ދައްކަން ޖެހެނީ އަށް އަހަރު ދުވަހުގެ ތެރޭގައި ކަމަށް ސުހައިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން ކުރަން އެ ކުންފުންޏާ ހަވާލުކުރަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން. އެ ކުންފުނިން ޕްރޮޕޯސްކޮށްފައިވާ އަގާއި މުއްދަތު އެހެން ކުންފުނިތަކަށް ވުރެ ރަނގަޅުވުމުން މަސައްކަތް ހަވާލުކުރަން ނިންމީ،" އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކާ އިރު ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ކްލަބްފަރާ ގުޅުވާލާނެ ކަމަށެވެ. އަދި އެ ރަށް ފަޅު ރަށެއްގެ ގޮތުގައި ބޭއްވުމަށް އެ ކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ވެލި ނަގަން ސާވޭ ކުރާނީ ގުޅިފަޅު ހިއްކަން ވެލި ނެގި ސަރަހައްދާއި ހުރާ ކައިރި ސަރަހައްދަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއަށް ވުރެ ކައިރި ސަރަހައްދުން ވެލި ލިބޭތޯ ބަލާނެ. އޭގެ ފަހުން މުޅި އަގު ކަށަވަރުވާނީ،" ސުހައިލް ވިދާޅުވި އެވެ.