10 Nov 2010, 07:14
ރާއްޖެތެރޭގެ ރަށްރަށުގެ މީހުންނަށް ވުރެ މާލޭގެ ރައްޔިތުންގެ ބޯ ހިޔާވަހި ކަމުގެ ހާލަތު ދަށް ކަމަށާއި މާލޭގެ 7000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެނީ 600 އަކަފޫޓަށްވުރެ ކުދި ގޯތިތަކުގައި ކަމަށް މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
ވެރި ރަށް މާލޭގެ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ހޯދައި ދިނުމަށް މިއަދު ފެށި "ވެށި ފަހި މާލެ" މަޝްރޫއު އިފުތިތާހު ކުރުމުގެ ޖަލްސާގައި ސަރަނގު އާދަމް މަނިކު ވިދާޅުވީ "މާލޭގެ ގޯތިތައް ބޯކިބަލެއްހެން ފޮތި ކުރަމުން ގޮސް ދިރުވައިލާއިރު ކުޑަދުލަށް ވެސް ނޭނގޭ ވަރަށް މާލޭގެ ގޯތިތައް ކުޑަވެފައިވާ" ކަމަށެވެ. އަދި ވިދާޅުވީ މާލޭގެ ގޯތިތައް ކުޑަވަމުން ގޮސް 100 އަކަފޫޓުގައި ދިރިއުޅޭ އާއިލާތައް ވަރަށް ގިނަވެފައިވާ ކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ މުނިސިލްޕަލްޓީގެ ދަފުތަރާއެކު މާލޭ އާބާދީއަކީ ރާއްޖޭގެ ޖުމްލަ އާބާދީގެ ފަސްބައިކުޅަ އެއްބައި ކަމަށާއި މާލޭގައި ވަޒަންވެރި ވެގެން އުޅޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުންނާއެކު މާލެ، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މިހާރު ހިއްސާ ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯ ހިޔާވަހި ކަމުގެ ހާލަތު ރާއްޖެ ތެރޭގެ ރައްޔިތުންނަށްވުރެ ދަށް ކަމަށާއި މާލާގެ ތަރައްގީގެ ނަމުގައި މާލޭގެ ރައްޔިތުންގެ ލޮލުގައި މިހާތަނަށް އޮތީ އަނދުން އަޅުވާފައި ކަމަށެވެ.
"މާލެއަށް އައިސްފައިވާ ތަރައްގީއަކީ މުއްސަނދިންގެ ބިނާތަކާއި ސަރުކާރުގެ ހައިބަތު. ރޭގަނޑު ދަންފަޅި ބަހައިގެން ހުރިހާ ދަރިންނާއި މައިންބަފައިން އެއް ކޮޓަރީގައި ނިދުމަކީ ތަރައްގީއެއް ނޫން. މާލެއަށް ދިމާވެފައިވާ ޑްރްގުގެ ވަބާ އާއި ތަޅާފޮޅުންތައް ގުޅިފައި ވަނީ އާއިލީ ދިރިއުޅުމަށް ބޭނުންވާ ޖާގަ ނެތުމާ،" އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކުދި ބިންތައް އެޕާޓްމަންޓަށް ބަދަލުކޮށް ބިން ހުސް ކުރެވުނު ވަރަކުން ހުސްކޮށް އާ މަޝްރޫއުގެ ދަށުން ހުސްވާ ބިންތަކުގައި ޕާކު ކުރުމާއި މުނި ފޫހި ފިލުވުމުގެ ތަންތަނާއި މުނިސިޕަލްތައް ގާއިމު ކުރުން ކަމަށެވެ. ދިރިއުޅުމާއި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް މާލެ ހެދުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި މިއީ އެއް ދުވަހުން ދެ ދުވަހުން ކުރެވޭނެ ކަމަކަށް ނުވާއިރު މިއީ ފަށަން ލަސްވެފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.