ދައުލަތަށް މިހާރު އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެކި ގޮތްގޮތުން ނަގަމުން އަންނަ ޓެކުހުންނެވެ. އޭގެ ތެރެއިން ވެސް ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކުހާއި ވިޔަފާރީގެ ފައިދާ ނަގާ ޓެކުހުން ލިބޭ އާމްދަނީ ބޮޑު ބައެއް ހިއްސާކުރެ އެވެ. މިކަން މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ފެންނަން އެބައޮތެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހު އެކަނި ވެސް ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 286.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 28 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޖީއެސްޓީގެ ގޮތުގައި 228.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ މަހު ލިބުނު އާމްދަނީގެ ގާތްގަނޑަކަށް 40 ޕަސެންޓެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ދަނީ މަހުން މަހަށް އިތުރުވަމުންނެވެ. މީގެ ސަބަބަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުމާއި އާއްމު ވިޔަފާރިތައް ކުރިއަރަމުން ދިއުމެވެ. ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ބައެއް ޓެކްސްތައް އިތުރުކުރުމަށް އެކި ފަރާތްތަކުން ދަނީ ބަހުސްކުރަމުންނެވެ. މިގޮތުން ޓޫރިޒަމް ދާއިރާ އިން މިހާރު ނަގާ އަށް ޕަސެންޓް ޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކޮށް އިންކަމް ޓެކްސް ނަގަން ޖެހޭ ކަމަށް ދަނީ ބުނަމުންނެވެ.

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ޖީއެސްޓީއާ ކުޅުމުގެ މާބޮޑު ބޭނުމެއް ނެތެވެ. ނަމަވެސް ޓެކްސްގެ ނިޒާމް ފުރިހަމަކުރުމަށް އިންކަމް ޓެކްސް ނަގަން ޖެހޭ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ޓެކްސްގެ ނިޒާމް ކޮމްޕްލީޓްވާން އެބަ ޖެހޭ. އެކަން ކޮމްޕްލީޓްކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން. ކުރިން ޓެކްސް އަށް ދެކޮޅު ހެދި ބައެއް ބޭފުޅުން އެބަ ގަބޫލުކުރައްވާ ޓެކްސްއަކީ ރަނގަޅު އެއްޗެއް ކަމަށް. ޓެކްސްގެ ނިޒާމް ރޭވިފައި އޮތީ ޖީއެސްޓީ އަށް ފަހު ބިޒްނަސް ޕްރޮފިޓް ޓެކްސް އަދި އިންކަމް ޓެކްސް ނަގަން. ޖީއެސްޓީ ނަގަން ފެށުމުން އެންމެ އާދައިގެ ކަންމަތީ ފިހާރައިގެ ސޭޓަށް ވެސް މިހާރު ވިޔަފާރިއަށް ވާނުވާ އެބަ އެނގޭ. ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެކްސްގެ ނިޒާމް ރޭވިފައި އޮންނަނީ މިގޮތަށް،" ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ނަގަމުންދާ ޓެކްސްތަކަށް ބަދަލު ނުގެނައި ނަމަވެސް ވިޔަފާރިތައް ކުރިއަރަމުން އަންނަ މިންވަރަކަށް ލިބޭ އާމްދަނީ އިތުރުވާނެ އެވެ.

"ޓޫރިސްޓުން އަންނަ މިންވަރު އިތުރުވާ ވަރަކަށް އަދި ވިޔަފާރިތައް އިތުރުވާ ވަރަކަށް ޖީއެސްޓީ ލިބޭ މިންވަރު އިތުރުވާނެ. ހަމަ އެގޮތަށް އެއިން ލިބޭ ބިޒްނަސް ޕްރޮފިޓް ޓެކްސް ވެސް އިތުރުވާނެ. އެހެންވީމަ ކޮންމެހެން ބޮޑެތި ބަދަލުތަކެއް ގެންނާކަށް ނުޖެހޭ،" ކުރީގެ ސަރުކާރުން ޓެކްސް ނަގަން ފެށިއިރު ފިނޭންސް މިނިސްޓަރަކަށް ވެސް ހުންނެވި އިނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ވިސްނުން އޭރު ހުރީ އިމްޕޯޓް ޑިއުޓީ އަށް ވުރެ ބޮޑަށް ޖީއެސްޓީ އަށް އިސްކަންދޭ ގޮތަށް ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ރާއްޖެ ސޮއިކޮށްފައިވާ ބޭރުގެ މުއާހަދާތަކުން ބޮޑަށް ބާރު އަޅަނީ ޑިއުޓީ ނަގާ ބާވަތްތައް މަދުކުރުން ކަމަށްވާތީ ކަމަށް އިނާޒް ވިދާޅުވި އެވެ.

"ޑިއުޓީ ނެގުން މުޅިން ހުއްޓާލާކަށް ނޫން ވިސްނުން ހުރީ. އެތެރެކުރުމަށް ހިތްވަރު ދޭން ބޭނުންވާ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ޖެހޭ. ޑިއުޓީ އަކީ މުދާ އެތެރެކުރާ މީހާ މުދާ ނުވިކުނު ނަމަވެސް ދައްކަން ޖެހޭ އެއްޗެއް. ނަމަވެސް ޖީއެސްޓީއަކީ ވިއްކާ މުދަލުން ދައްކަން ޖެހޭ އެއްޗެއް. އެހެންވީމަ ވިޔަފާރިވެރިންނަށް ވެސް ބޮޑަށް ރަނގަޅުވާނީ ޑިއުޓީ ނަގާ މުދަލުގެ އަދަދު މަދުވުމުން،" އޭނާ ވިދާޅުވި އެވެ.

ދައުލަތަށް މިހާރު ލިބޭ އާމްދަނީ އިތުރުކުރުމަށް އިންކަމް ޓެކްސް ނަގަން ޖެހޭ ކަމަށް ސިޔާސީ ގިނަ ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ. ނަމަވެސް ރައީސް މުހައްމަދު ވަހީދާއި އެމަނިކުފާނުގެ ރަނިންމޭޓް ވިދާޅުވަނީ ރާއްޖޭގައި އަދި އިންކަމް ޓެކްސް ނަގަން ނުޖެހޭ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅު ވަނީ އިންކަމް ޓެކްސް ނަގާ މިންވަރަށް އާމްދަނީ ލިބޭ މީހުންގެ އަދަދު މަދުވުމެވެ. ނަމަވެސް ރާއްޖޭގައި އިމްކަމް ޓެކްސް ނަގަން ޖެހެ އެވެ.

"އަޅުގަނޑު ވެސް ދެކޭ ގޮތުގައި ޓެކްސް ނިޒާމް ކޮށައި މަށައި ހެދުމަކީ މިވަގުތު އެހާ ރަނގަޅުކަމެއް ނޫން. ވިޔަފާރިވެރިންގެ އަތުން ނަގާ ޓެކްސް މިހާރު ވެސް މަދެއް ނޫން. އެހެން ކަމުން މިހާރު ނަގާ ޓެކްސްގެ އަދަދު ބޮޑުކުރުމަކީ އެހާ ތަރުހީބު ދޭ ކަމެއް ނޫން. ނަމަވެސް ދައުލަތުން އާއްމު ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރަން ބޮޑު މުސާރަ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނެގުމަކީ މުހިންމު ކަމެއް،" އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ޓެކްސްގެ ގޮތުގައި ލިބޭ މިންވަރު އިތުރުކުރަން ޓޫރިޒަމް ވިޔަފާރި އާއި އެނޫން ވެސް ވިޔަފާރިތައް ފުޅާކުރަން ޖެހެ އެވެ. ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެ، އާއްމު ވިޔަފާރިތައް ފުޅާވަމުން އަންނަ ވަރަކަށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ފެންނަން އެބައޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރު ރޫހަށް ބަލާއިރު ޓެކްސްތައް އިތުރުކަމަށް ހުށަހަޅާފައިވާ ބިލަށް ތާއީދެއް ނެތެވެ. ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރުމަށް މަޖިލީހަށް ފުރަތަމަ ހުށަހެޅި އިސްލާހު ވަނީ ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މަޖިލީހަށް ހުށަހެޅި ބިލު އަލުން ހުށަހަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ގިނަ ވިޔަފާރިވެރިންނާއި މަޖިލީހުގެ ގިނަ މެމްބަރުން ވެސް ދަނީ އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ.