ހުޅުމާލޭ ބިން ހިއްކުމުގެ މަސައްކަތުގެ ދެ ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ވެށިފެހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ 1000 ފްލެޓްގެ ތެރެއިން ފްލެޓް ލިބުނު މީހުންނާ ފްލެޓްތައް ހަވާލުކުރުން ފެށުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ހުޅުމާލެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ ބިން ހިއްކިގެންދާ އިރު މިހާރަށް ވުރެ އެއް ގުނަ އިތުރަށް ހިއްކިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ހުޅުމާލެ އަކީ ތަރައްގީވެފައިވާ މާލެ ސިޓީގެ ބަޔަކަށް ވެގެންދާނެ ކަމުގެ އުފާވެރި ހަބަރު ދެއްވަން ބޭނުންފުޅުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފެށި ވެށިފެހި މާލެ ޕްރޮގުރާމްގެ ދަށުން ހުޅުމާލެގައި ގާއިމުކުރި 1000 ފްލެޓް ލިބުނު ފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި ރައީސް ވިދާޅުވީ އެ ޕްރޮގުރާމް ފައްޓަފާއި ވާތީ އެކަމުގެ ޝުކުރު ރައީސް މުހައްމަދު ނަޝީދަށް އަދާކުރައްވާ ކަމަށެވެ. އަދި ފްލެޓްތައް ނިންމައި އެ މަޝްރޫއު ހުއްޓާނުލައި ކުރިއަށް ގެންދިޔަކަމީ ތަރައްގީގެ މަސައްކަތްތައް ހުއްޓާނުލައި މި ސަރުކާރުން ވެސް ކުރިއަށް ގެންދަވާނެ ކަމުގެ މިސާލެއް ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން ހުޅުމާލޭގައި އަލަށް އަޅާ 11000 ފެލްޓް އެޅުމުގެ މަސައްކަތް ވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ހުޅުމާލެ ހިއްކައި ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގައި މިފަހަރު ހިއްކަން ނިންމީ 230 ހެކްޓަރުގެ ބިމެވެ. އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ހިއްކީ 188 ހެކްޓަރުގެ ބިމެވެ. ބިން ހިއްކުމުގެ މަސައްކަތް މުޅީން ނިންމަން 60 މިލިއަން ޑޮލަރު (925.2 މިލިއަން ރުފިޔާ) ޚަރަދު ވާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ ލާފަކޮށްފަ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް ކުންފުންޏާ ހަވާލުކުރުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ.

ހުޅުމާލެ މަސްރޫއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ފެއްޓެވި މަސްރޫއުއެކެވެ. އެ މަނިކުފާނު 2008 ވަނަ އަހަރު ވެރިކަމުން ފައިބައިވަޑައިގަތް އިރު ވަނީ، ތިން ފިޔަވައްސަކަށް މަސްރޫއުކޮށްފައިވާ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ހިއްކައި 800 ވަރަކަށް ފްލެޓް ގާއިމުކޮށް ރަށުގެ މަގުތަކާއި ބަނދަރާއި އަދި އެ ނޫން އިންފްރާސްޓަކްޗާ ގާއިމުކޮށްފަ އެވެ.