31 Jul 2013, 00:03
ރާއްޖެ ޓީވީގެ ފަރާތުން އިންތިޒާމް ކޮށްގެން ނެޝަނަލް އާޓް ގެލެރީގައި ބާއްވާ "ދެފިޔަވަޅު ފަހަތަށް" ކުރެހުމުގެ މައުރަޒު މި ރޭ ހުޅުވައިފި އެވެ.
"ދެ ފިޔަވަޅު ފަހަތަށް" ނަމުގައި ރާއްޖެ ޓީވީގެ ފަރާތުން ރާއްޖެ ކުރެހުންތެރިންނަށް ހުޅުވާލި ކުރެހުމުގެ މައުރަޒު ހުޅުއްވައި ދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ދެ ފިޔަވަޅު ފަހަތަށް ކުރެހުމުގެ މައުރަޒު ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރެހުންތެރިންނާއި ފަންނާނުންނަކީ އެ މީހުންގެ ފަރާތުން ވަރަށް ގިނަ ބަޔަކަށް ހިތްހަމަޖެހުމާއި އަދި ކުރިއަށް ދިއުމުގައި ހިތްވަރު ލިބޭ ބައެއް ކަމަށެވެ. އަދި ވިދާޅުވީ "ދެ ފިޔަވަޅު ފަހަތަށް" ކުރެހުމުގެ މައުރަޒުން ހާމަވެގެން ދަނީ ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ރާއްޖެ ފަހަތަށް ގޮސްފައިވާ މިންވަރު ކަމަށެވެ. އަދި ވިދާޅުވީ އެ ކުރެހުމުގެ މައުރަޒުން ރާއްޖޭގެ ރައްޔިތުން ހަތަރު ފިޔަވަޅު ކުރިއަށް އަޅަން ޖެހުނު ސަބަބު ވަރަށް ސާފުކޮށް ހާމަކޮށްދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ އަކީ ރާއްޖޭގެ ކުރެހުންތެރިންނަށާއި އަދި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ތަފާތު އެކި ފަންނާނުންނަށް އެ މީހުންގެ އިހުސާސްތައް ހާމަކުރުމަށް ހުޅުވައިދިން ދޮރެއް ކަމަށެވެ. އަދި އޭގެ ބޭނުން ރާއްޖޭގެ ހުރިހާ ފަންނާނުން ވެސް ވަރަށް ފުރިހަމަ އަށް ބޭނުން ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިރޭގެ ރަސްމީއްޔާތުގައި ވަނީ "ދެ ފިޔަވަޅު ފަހަތަށް" ކުރެހުމުގެ މައުރަޒުން ވަނަތައް ހޯދި ފަރާތްތަކަށް ހަދާނީ ލިޔުން ދީފަ އެވެ. އެ ފަރާތްތަކަށް ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ ވެސް ނަޝީދު އެވެ.