އިސްލާމް އާބާދު (ޖުލައި 30): ޕާކިސްތާނުގެ ޕާލަމެންޓުން އެގައުމުގެ ރައީސް ކަމަށް މަމްނޫން ޙުސައިން އިންތިޚާބުކޮށްފި އެވެ.

މުއްސަނދި ވިޔަފާރިވެރިއެއް ކަމަށްވާ މަމްނޫން ޙުސައިން އަކީ ޕާކިސްތާނުގައި މިހާރު ވެރިކަންކުރާ ނަވާޒް ޝަރީފުގެ މުސްލިމް ލީގް ޕާޓީ އަށް ނިސްބަތްވާ ބޭފުޅެކެވެ. މުސްލިމް ލީގް ނަވާޒް ޕާޓީން ވަނީ ޕާކިސްތާނުގެ ރައީސް ކަމަށް ކުރިމަތިލި އެ ޕާޓީގެ ކެންޑިޑޭޓް މަމްނޫން ޙުސައިން އިންތިޚާބު ކާމިޔާބު ކުރެއްވިކަން ކަށަވަރުކޮށްދީފަ އެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަންކުރާ ޕާކިސްތާނުގެ ރައީސަކީ ދައުލަތުގެ ރައީސެވެ. ސަރުކާރުގެ ރައީސަކީ ބޮޑުވަޒީރެވެ.

ޕާކިސްތާނުގެ ރައީސަކީ ޝަރަފުވެރި ރަމްޒީ ޝަޚްސިއްޔަތެއް ނަމަވެސް އޭނާ އަށް ދަސްތޫރީ ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވަ އެވެ. މީގެ ތެރޭގައި ޕާލަމެންޓް އުވާލައި ބޮޑުވަޒީރު މަގާމުން ދުރުކޮށް އަވަސް އިންތިޚާބެއް ބޭއްވުމުގެ ބާރާއި އިޚްތިޔާރު ހިމެނެ އެވެ. މީގެއިތުރުން ވެސް ދަސްތޫރީ އެތައް ބާރުތަކެއް ޕާކިސްތާނުގެ ރައީސަށް ލިބިވަޑައިގަންނަވަ އެވެ. ނަމަވެސް ޕާކިސްތާނުގެ ވެރިކަމުގެ ޙަގީގީ ބާރު ލިބިފައި ވަނީ ބޮޑުވަޒީރަށެވެ. ޕާކިސްތާނުގެ ރައީސް އިންތިޚާބު ކުރަނީ އެގައުމުގެ ޕާލަމެންޓްގައި ހިމެނޭ ރެޕްރެޒެންޓެޓިވްގެ މަޖިލީހާއި ސެނެޓްގެ އިތުރުން އެންމެ ބޮޑު ހަތަރު ސްޓޭޓްގެ ލޯކަލް ކައުންސިލްތަކު އަޣްލަބިއްޔަތުންނެވެ.

މިމަޤާމަށް މަމްނޫން ޙުސައިންއާ ވާދަކުރެއްވީ ޢިމްރާން ޚާންގެ ތަޙްރީކޭ އިންސާފް ޕާޓީގެ ކެންޑިޑޭޓް ވަޖީހުއްދީން އަޙްމަދެވެ. މަމްނޫން ޙުސައިން އިންތިޚާބު ކާމިޔާބު ކުރެއްވީ ރެޕްރެޒެންޓެޓިވްގެ މަޖިލީހާއި ސެނެޓާއި އެންމެ ބޮޑު ހަތަރު ސްޓޭޓްގެ ލޯކަލް ކައުންސިލްތަކުން 277 ވޯޓު ހޯއްދަވައިގެންނެވެ. ޕާލަމެންޓްގެ ދެގެއާއި ހަތަރު ސްޓޭޓްގެ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން 266 ވޯޓު ލިބުމުން ވެސް މިއިންތިޚާބު ކާމިޔާބު ކުރެވޭނެ އެވެ. ޕާކިސްތާނުގެ ދައުލަތުގެ ރައީސަކު އިންތިޚާބު ކުރާ ވޯޓުގެ ނަމަކީ އިލެކްޓޯރަލް ކޮލެޖްގެ ވޯޓެވެ.

ޕާކިސްތާނުގެ މިހާރުގެ ރައީސް އާސިފް ޢަލީ ޒަރުދާރީގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ. އޭނާ ވަނީ ރިޔާސީ އިތުރު ދައުރެއް ބޭނުން ނޫން ކަމަށް ވިދާޅުވެ އިންތިޚާބާ ދުރަށް ވަޑައިގެންފަ އެވެ. މަމްނޫން ޙުސައިން އަކީ ޕާކިސްތާނުގެ ޖުމްހޫރިއްޔާގެ 12 ވަނަ ރައީސެވެ. (ނޫސްއެޖެންސީތައް)