30 Jul 2013, 22:53
ޓޮޓެންހަމްގެ ވޭލްސް ފޯވަޑް ގެރެތު ބޭލްގެ ޓްރާންސްފާ ފީ ދައްވެގެން 100 މިލިޔަން ޕައުންޑަށް އަރާނޭ ކަމަށް އެ ކްލަބްގެ ކުރީގެ ކޯޗް އަދި ސްޕޯޓްސް ޑައިރެކްޓަރު ޑޭވިޑް ޕްލީޓް ބުނެފި އެވެ.
މީގެ ދެދުވަހެއް ކުރިން ރެއާލް މެޑްރިޑުން ބޭލްގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި 100 މިލިއަން ޔޫރޯ (86 މިލިއަން ޕައުންޑް) ބިޑް ކޮށްފައިވާކަމަށް މީޑިއާގައި ފެތުރިގެންގެ ގޮސްފައިވާއިރު، ޕްލީޓް ބުނީ، ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ، އެ ކްލަބުން ބޭލް ދޫކޮށްލަން ބޭނުން ނުވާކަމަށާއި އެހެން ކަމުން ބޭލް ގެންދަން ބޭނުން ނަމަ ވަރަށް ބޮޑު އަގެއް ރެއާލްއިން ހުށަހަޅަން މަޖުބޫރުވާނޭ ކަމަށެވެ.
"ޓޮޓެންހަމްގެ ވިސްނުން ހުރީކީ ބޭލް ވިއްކާލާކަށް ނޫން،" ޕްލީޓް ބުންޏެވެ. "100 މިލިޔަން ޕައުންޑް ހުށަހަޅައިފި ނަމަ، ލެވީގެ ނިންމުން ބަދަލު ވެދާނޭހެން ހީވޭ. އަދި އެވަރުގެ ފީއެއް ހުށަހަޅައިފި ނަމަ ކްލަބްގެ ސަޕޯޓަރުންވެސް ގަބޫލް ކުރާނެ އެ އަގު."
ޕްލީޓް ބުނީ، އުމުރުން 24 އަހަރުގެ ބޭލްއަކީ، ބޭރު ގައުމަކަށްގޮސް ކުޅެން އަދި މާ ޅަ ކުޅުންތެރިއެއް ކަމަށާއި، ޕްރިމިއާ ލީގުގައި އަދި އެއްސީޒަން މަޑުކުރުމަށްފަހު ދެން އޭނާ ޝައުގުވެރިކަން ހުރެއްޖެ ނަމަ އެހެން ގައުމަކަށް ދިޔަޔަސް އެންމެ ރަނގަޅު ކަމަށެވެ.
"އަހަންނަށް ހީވަނީ ބޭލް އަދި މާ ޅަހެން އެހެން ގައުމަކަށް ބަދަލުވާން، އަދި އެއީ އެހާ ފަސޭހަ ކަމަކަށްވެސް ނުވާނެހެން،" ޕްލީޓް ބުންޏެވެ. "އަހަރެން ދެކޭ ގޮތުގައި އޭނާ ރަނގަޅުވާނީ މިހާރުވެސް މަސައްކަތް ކުރަމުން އެގެންދާ ގޮތަށް ރަނގަޅަށް އެއްއަހަރު ދުވަހު ޓޮޓެންހަމްގައި ހޭދަކުރުމަށްފަހު އޭނާ ބޭނުންނަމަ ޖެހިގެން އަންނަ ހޫނުމޫސުމުގައި އެހެން ދިމާއަކަށް ބަދަލުވާން."
ސައުތުހެމްޓަންއިން 2007 ވަނައަހަރު ޓޮޓެންހަމްއާ ގުޅުނުފަހުން ބޭލްއަށް އެންމެ ކާމިޔާބު ސީޒަނަކަށް ވެގެންދިޔައީ ނިމިގެންދިޔަ ސީޒަނެވެ. ބޭލް ވަނީ، ނިމިގެން ދިޔަ ސީޒަންގައި ޓޮޓެންހަމްއަށް 26 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.