ޕީއެސްޖީ އަށް ކުޅެމުންދާ ބްރެޒިލްގެ ޑިފެންޑާ ތިއާގޯ ސިލްވާ އެޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި އެވެ.

މީގެ ކުރިން އިޓަލީގެ އޭސީ މިލާނަށް ވެސް ކުޅުނު ތިއާގޯ އާއި އެކު ޕީއެސްޖީން ކޮންޓްރެކްޓް އާކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ނިޔަލަށެވެ.

ސްޕެއިންގެ ބާސެލޯނާ އިން ގެންނަން މަސައްކަތްކުރި ތިއާގޯ ޕީއެސްޖީއާ އެކު އެންމެ ފުރަތަމަ ސޮއި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭނާ އެފަހަރު ވެސް ފީއެސްޖީއާ އެކު ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ ތިއާގޯ ސިލްވާ ހޯދުމަށް ބާސާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތް ކުރި އެވެ. އަދި ބާސާއިން ތިއާގޯ ނުލިބުމުން އެ ޓީމުން މިހާރު މަސައްކަތް ފަށާފައި ވަނީ ޗެލްސީގެ ޑޭވިޑް ލުއިޒް ހޯދުމަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ތިއާގޯ ސިލްވާ ވަނީ މިހާތަނަށް އެ ޓީމަށް 22 މެޗް ކުޅެދީފަ އެވެ.