ކާބޯ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މިއަދު ހޯދައިފި އެވެ. މިއީ މިމުބާރާތުގެ ފައިނަލަށް ނިއު ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

ނިއުއިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އީގަލްސްއާ ބައްދަލުކޮށް 3-1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިއަދުގެ މެޗުގައި ނިއުއިން އީގަލްސްކޮޅަށް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގައުމީ ޓީމާއި ވެލެންސިއާގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމެވެ. އަނެއް ލަނޑު ނިއުއަށް ޖަހައިދިނީ އިސްމާއިލް ޝަރީފެވެ. އަދި މެޗުގައި ނިއުކޮޅަށް އީގަލްސްއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީ އަހުމަދު ނިއާޒެވެ.

މުބާރާތުގެ ފައިނަލުގައި ނިއުއާ ވާދަކުރާނެ ޓީމެއް ކަށަވަރުވާނީ ސެމީގެ ދެވަނަ މެޗުގައި މާދަމާ އޭވައިއެލް އާއި ސިފައިން ކުޅޭ މެޗުން މޮޅުވާ ޓީމަކާއެކު ކުޅޭ ސެމީގެ ތިން ވަނަ މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެގެން މޮޅުވާ ޓީމެކެވެ. އަދި ތިން ވަނަ ސެމީ ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޮގަސްޓް 6 ވަނަ ދުވަހު އެވެ.