30 Jul 2013, 20:46
ވޯޓާސް ރަޖިސްޓްރޭޝަންގެ ކަންތަކަށް އެދެވޭ ހައްލެއް ގެނެވިދާނޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދެއްކެވި ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ ފަރާތުން ބޭއްވި ނިއުސް ކޮންފަރެންސްގައި މުންދު ވާހަކަ ދައްކާފައި ވަނީ އެ ކޮމިޝަންގެ އަގުވެއްޓޭ ގޮތަށް ކަމަށާއި އެކަމާ ކަންބޮޑުވެ ހިތާމަ ކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބާއްވާފައިވާ އިންތިޚާބުތަކުގެ މިނިވަންކަމާ މެދު ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް އަދި ރާޖޭގައި އުފެދިފައިވާ އެއްވެސް ސިޔާސީ ޕާޓީއަކުން މިހާތަނަށް އެއްވެސް ސުވާލެއް އުފައްދާފައި ނުވާ ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަން ބަދުނާމުކޮށް ވާހަކަ ދައްކައިގެން ސިޔާސީ ޕާޓީއަކަށް ފައިދާއެއް އޮންނާނެ ކަމަށް އެ ކޮމިޝަނުން ނުދެކޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް އޮޅޭގޮތަށް ކޮމިޝަންގެ ގާބިލުކަމާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް ދޮގު ވާހަކަ ފަތުރައި ކޮމިޝަންގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތްތައް އެ ކޮމިޝަނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކޮމިޝަންގެ އަގު ވައްޓާލައި ރައްޔިތުންގެ ހިތްތަކުގައި ކޮމިޝަނާ މެދު އޮތް އިތުބާރު ގެއްލުވާލައި، އެ ކޮމިޝަނަށް ބިރުދައްކަން ކުރާ މަސައްކަތްތަކަށް އިލެކްޝަންސް ކޮމިޝަނުން ބޯ ނުލަނބާނެ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި އިންތިޚާބެއް ހޯދައި ދިނުމަށް އިލެކްޝަންސް ކޮމިޝަން ސާބިތުވެ އޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.