ގެއަކުން ވައްކަންކޮށްގެން ފިލަން އުޅުނު މީހަކު ހައްޔަރު ކުރަން އުޅުމުން ފުލުހުންނާ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

އެ ހާދިސާ ހިނގައިފައި ވަނީ މިއަދު ހަވީރު 4:15 އެހާކަންހާއިރު ދޮންއަދަރާދަހިނގުމުގައި ހުންނަ ގެއަކުން ސާމާނުތަކެއް ވަގަށް ނަގައިގެން، ފޮތިގަނޑަކަށް ލައިގެން ފިލަން އުޅުނު ވަގަކު ހައްޔަރު ކުރަން އުޅެނިކޮށެވެ. ފުލުހުން ބުނީ ވަގު ހައްޔަރު ކުރަން އުޅެނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނީ އެ ސަރަހައްދުގައި ތިބި ބަޔަކު ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަށް ހަމަލާދޭން އުޅުނު ކަމަށާއި ފުލުހުން މަސައްކަތް ކުރީ "ވަގު" ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަށް ހަމަލާދޭން އުޅުނު މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގި ކަމަށާއި ފުލުހުން ބާރުގެ ބޭނުން ކުރި ކަމަށް އެ އެ މީހާ ބުންޏެވެ.