10 Nov 2010, 07:14
އެމެރިކާގެ އަސްކަރީ ހަތަރު އެކަޑަމީއަކުން ކިޔެވުމުގެ ފުރުޞަތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ލިބުމާއިގުޅިގެން އެއެކަޑަމީތަކަށް ކިޔަވަން ދިޔުމުގެ ފުރުޞަތު އެކަމަކަށް ޝައުގު ވެރިކަން ހުރި ދިވެހިކުދިންނަށް އެމްއެންޑީއެފްއިން ހުޅުވާލައިފި އެވެ.
ޔޫއެސް މިލިޓަރީ އެކަޑަމީއާއި ޔޫއެސް ނޭވަލް އެކަޑަމީގެ އިތުރުން ޔޫއެސް ކޯސްޓްގާޑު އެކަޑަމީ އަދި ޔޫއެސް އެއަފޯސް އެކަޑަމީން ކިޔެވުމަށް އެމްއެންޑީއެފްއަށް ލިބިފައިވާ އެ ފުރުޞަތު އެންމެހާ ދިވެހިންނަށް ހުޅުވާލާފައިވާ އިރު، އިންޖިނިއަރިން މެނޭޖްމަންޓްގެ ދާއިރާއިންނާއި، މެރީން އެންޑް އެންވަޔަރަންމަންޓަލް ސްޓަޑީޒްގެ ރޮނގުންނާއި ލޯ އެންޑް ލީގަލް ސްޓަޑީޒްގެ ދާއިރާގެ އިތުރުން، މެކޭނިކަލް އިންޖިނިއަރިންގ ސްޓަޑީޒްގެ ދާއިރާއިން އަދި އިންފޮމޭޝަން ސިސްޓަމްސް އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށްދިޔުމުގެ ދޮރުތައް ހުޅުވާލާފައިވެ އެވެ. އަދި ޕޮލިޓިކަލް ސައިންސް ދާއިރާއާއި، ސައިކޮލޮޖީގެ ރޮނގުން އަދި ސޯސިއޮލޮޖީގެ ދާއިރާއިންނާއި އޯޝަން އިންޖިނިއަރިންގެ ދާއިރާއިންވެސްވަނީ ކިޔެވުމުގެ ފުރުޞަތުތައް ހުޅުވާލާފަ އެވެ.
މީގެއިތުރުން، ފުރުޞަތު ހުޅުވާލާފައިވާ އިތުރު ދާއިރާތަކަކީ، ކޮންޓިޓޭޓިވް އެކޮނޮމިކްސް، އެޔޮރޮސްޕޭސް އިންޖިނިއަރިންގ، ކޮމްޕިއުޓަ ސައިންސް، ނޭވަލް އާކިޓެކްޗަރ، އޯޝެނޮގްރަފީ، މެރިން އިންޖިނިއަރިން، މިލިޓަރީ އާރޓް އެންޑް ސައިންސް އަދި ނިޔުކްލިއަރ އިންޖިނިއަރިންގ ސައިންސްފަދަ ދާއިރާތަކެވެ.
ޖީސީއީ އޭލެވެލްގެ ތިން މާއްދާއިން ފާސްވެފައިވުމާ އެކު، އުމުރުން 17 އަހަރު ފުރި 23 އަހަރުނުވާ މީހުންނަށް ކުރިމަތިލެވޭގޮތަށް ޝަރުތުކޮށްފައިވާ މިފުރުޞަތުތަކަށް ކުރިމަތިލެވޭނީ ކައިވެނި ނުކުރާ ފަރާތްތަކަށް ކަމަށް އެމްއެންޑީއެފުން ހާމަކުރައްވަ އެވެ. ބެޗްލާސް ޑިގްރީގެ ފެންވަރަށް ކިޔަވައިދެވޭ މިކޯސްތައް ފުރިހަމަކުރާ ފަރާތްތައް އެމްއެންޑީއެފްގެ އޮފިސަރަކަށް ކޮމިޝަން ކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިފުރުޞަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ސީވީ މި މަހުގެ 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން "ޑައިރެކްޓްރޭޓް އޮފް ޕްލޭންސް ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓް، އިންޓަރގްރޭޓެޑް ހެޑްކްއޯޓާޒް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް" އަށް އެޑްރެސްކުރައްވައި، ބަންޑާރަކޮއްޓަށް ފޮނުވަންޖެހެ އެވެ.