ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމުރާއަށް ފުރާވަޑައިގަތުމަށް ނިންމައިފި އެވެ.

ރައީސް ނަޝީދު ސަރުކާރުގެ ޕްރެސް ސެކަރެޓަރީ މުހައްމަދު ޒުހައިރު މިއަދު ސަން އަށް ވިދާޅުވީ ރައީސް ނަޝީދު މާދަމަ އިން ފެށިގެން މިއަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހައި ކޯޓުން ހުއްދަދީފައިވާ ކަމަށެވެ.

ރައީސް ނަޝީދު މާދަމާ އިންޑިއާ އަށް ވަޑައިގަންނަނަވާނެ ކަމަށާއި އަދި އޭގެ ފަހުން އެމަނިކުފާނު ސައުދީ އަށް ވަޑައިގެން މި އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެމަނިކުފާނު އުމުރާގެ އަޅުނކަން އަދާ ކުރައްވުމަށް ނިންމާފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު އުމްރާ އަކަށް ވަޑައިގަތުމަށް ފުރުމަށް ނިންމާފައިވާ އިރު އެ މަނިކުފާނު މީގެ ކުރިން ވެސް ވަނީ އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ދިއުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެފަހަރު ދެވޭގޮތް ނުވީ ވީސާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައި ވުމުންނެވެ. އަދި މިހާރު ވަނީ ވިސާގެ ކަންތައް ހަމަޖެހިފަ އެވެ.