އޮޑިޓް ރިޕޯޓްތަކުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުންނަ ކަމަށް ބުނެ ސިޔާސީ އެކި ފަރާތްތަކުން ތަފާތު ވާހަކަ ދެއްކި ނަމަވެސް ރިޕޯޓްތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސާކް ސަމިޓާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި ހާއްސަ ރިޕޯޓާ ގުޅިގެން އެމްޑީޕީގެ ފަރާތުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ނިޔާޒް މިއަދު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮންމެ އޮޑިޓް ރިޕޯޓެއް ވެސް ތައްޔާރުކުރަނީ އެ އޮފީހަކުން ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

"އޮޑިޓް ރިޕޯޓްތައް ތައްޔާރުކުރަނީ ކޮންމެ އިދާރާއެއްގައި ހުންނަ ޒިންމާދާރު ވެރިޔާ ދެއްވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް. އަދި ލިބިފައިވާ ހެކިތަކާއެކީ ރިޕޯޓް ތައްޔާރުކޮށް ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވައިގެން އެ ފަރާތުގެ ކޮމެންޓް ހޯދުމަށްފަހު އާއްމުކުރަނީ،" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ އޮޑިޓާ ޖެނެރަލް ނެރޭ ރިޕޯޓެއް އަލުން ރިވިއުކޮށް ނެރެން ނުޖެހޭނެ ކަމަށެވެ. އަދި އެ ރިޕޯޓްގައި ކޮންކްލޫޝަން ނުވަތަ ރެކޮމަންޑޭޝަންތައް ހިމަނާފައި ވާނީ އޮޑިޓާ ޖެނެރަލް އަށް ގާނޫނުން ލިބިދޭ ބާރުގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޑިޓާ ޖެނެރަލް ރިޕޯޓާތަކާ ގުޅޭ ގޮތުން ކޮންކުލޫޝަން ނުވަތަ ރިކޮމެންޑޭޝަނެއް ހިމާނާނީ ވަރަށް ޕްރޮފެޝަނަލްކޮށް. ކޮންމެހެން ނުޖެހޭ އެ ރިޕޯޓް ރައްދުވާ މުއައްސަސާއެއް ބޭނުންވާ ގޮތަށް އޮންނާކަށް. އެއީ ގާނޫން ލިބިދޭ އިހުތިޔާރެއް،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓަކާ ގުޅޭ ގޮތުން ބަޔަކު ޝަކުވާއެއް ހުށަހަޅަން ނުވަތަ އެކަމާ ބެހޭ ގޮތުން ބައްދަލުކޮށް ވާހަކަ ދައްކަން ބޭނުން ނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ދައްކާ ވާހަކަ އޮޑިޓާ ޖެނެރަލް އަޑު އަހަން ޖެހޭނެ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

"އެބަޔަކަށް ސުވާލު އުފެދޭ ކަމެއް އޮތް ނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެން ބަލަންވީ. އަޅުގަނޑުމެން މިތިބީ ޖަވާބުދާރީވާން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ. "ދައުލަތުގެ އިދާރާއަކުން މައުލޫމާތު ދޭން ހުންނަ ޒިންމާދާރުވެރިއަކު މައުލޫމާތުތައް އޮޅުވާލުމުން ނުވަތަ ކަމެއް ސިއްރުކުރުމުން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ. އެކަން ބަލަން ޖެހޭނީ މަޖިލީހުން."

ނިޔާޒް ވިދާޅުވީ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ޕްރެޒެންޓޭޝަނެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅޭ ގޮތުން ކުރާ ސުވާލުތަކަށް ވެސް ޖަވާބުދިނުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ސާކް ސަމިޓްގެ އޮޑިޓް ރިޕޯޓުގައި ހިމަނާފައި ވާނީ ސައްހަ މައުލޫމާތު ކަމަށެވެ.

އެ ރިޕޯޓުގައި ބަޖެޓަށް ވުރެ އިތުރަށްކޮށްފައިވާ ހަރަދުތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ދައުލަތަށް ލިބޭ ހިލޭ އެހީ އާއި ލޯނަކީ ވެސް ބަޖެޓްގައި ހިމެނޭ އެއްޗެއް ކަމަށެވެ.

"ބަޖެޓްގައި ނުހިމެނޭ ކަމަކަށް އެއްވެސް ހަރަދެއް ނުކުރެވޭނެ. އަދި ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދެއް ވެސް ނުކުރެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.