30 Jul 2013, 16:07
ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ހިމަނާފައިވާ ރިޕޯޓެއް ރިޕީޓްކޮށް، ރީބްރޯޑްކާސްޓް ކުރާ ނަމަ އެ ރިޕޯޓްގައިވާ ކޮންޓެންޓެއް އިސްލާހުކޮށްގެން ނޫނީ ނުފޮނުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އަށް އަންގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރާއްޖެޓީވީން މި އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު ގެނެސްދިން "ތިލަފަތް" ޕްރޮގްރާމްގައި ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާއި ނިންމާ ނިންމުންތަކާއި އަދި ކޯޓުތަކާއި ފަނޑިޔާރުންނާއި ބެހޭ ގޮތުން ނުބައި ތަސައްވުރެއް ދެވޭ ފަދަ ގޮތަކަށް ކޮންޓެންޓްތައް ގެނެސްދީފައިވާ ކަމަށް ބުނެ އެކޮމިޝަނަށް ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އެކޮމިޝަނުން ބެލިބެލުމުން އެ ޕްރޮގްރާމް ފޮނުވާފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދާ އެއްގޮތަށް ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
"އެ ޕްރޮގްރާމްގައި ފޮނުވާފައިވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފަށް ގެނެސްދީފައިވާ ކޮންޓެންޓެއް ކަމަށް ޝަކުވާ ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވީ ނަމަވެސް، ޝަރުއީ ކޯޓުތަކުގެ ނިންމުންތަކާއި ކޯޓުތަކާ ބެހޭ ގޮތުން އިލްމީ ގޮތުން ވާހަކަ ދައްކައި ބަހުސުކޮށް ހެދުމަކީ ބައިނަލްއަގުވާމީ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ވެސް ކޮށްއުޅޭ ކަމެއް، ދިވެހިރާއްޖޭގައި ވެސް އެފަދަ ބަހުސްތަށް ކުރެވެމެންދާކަމާއި އެފަދައިން ކުރެވޭ ބަހުސްތަކާއި ދިރާސާތަކަކީ ކޯޓުތަކުން ކުރާ ހުކުމްތަކާއި ނިންމާ ނިންމުންތަކާއި ކޯޓުތަކާއި ފަނޑިޔާރުންނާ ބެހޭ ގޮތުން ނުބައި ތަސައްވުރެއް ދެވޭ ފަދަ ބަހުސްތައް ނުވަތަ ދިރާސާތައް ކަމަށް ބެލޭނެ ފަދަ ސަބަބެއް ނެތް ކަމަށް،" އެކޮމިޝަން ބުނެފައިވެ އެވެ.
އެ ޝަކުވާ އާ ގުޅިގެން އެ ކޮމިޝަނުން ބެލިބެލުމުން "ތިލަފަތް" ޕްރޮގްރާމްގެ ތެރެއިން ގެނެސްދިން ރިޕޯޓްގައި ފަޑިޔާރުންނާ ބެހޭ ގޮތުން ތުހުމަތުތަކެއްގެ ވާހަކަ ގެނެސްދީފައިވާ އިރު ފަޑިޔާރުގޭގެ އެއްވެސް ބަހެއް މި އެ ރިޕޯޓް ބެލެންސްކުރުމަށް ގެނެސްދީފައި ނުވާ ކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ "ހަބަރާއި ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާ އެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރުން" މި ގަވާއިދާ ހިލާފަށް ކަމަށާއި އެ ޕްރޮގްރާމްގެ ރިޕީޓް ބްރޯޑްކާސްޓްކުރާ ނަމަ ރިޕޯޓު އިސްލާޙުކުރުމަށް ފަހު ފަހު ނޫނީ ނުފޮނުވުމަށް ވެސް އެކޮމިޝަނުން ވަނީ ރާއްޖެ ޓީވީއަށް އަންގައިފަ އެވެ.