ށ. މިލަންދޫ ގްރޫޕަކުން އެ ރަށުގެ ކުޑަ އަންހެން ކުއްޖަކަށް ބިރު ދައްކައި ރޭޕް ކުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ށ. މިލަންދޫން ރޭ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން 21 އަހަރުގެ ދެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެ އެންމެންނަކީ ވެސް އެ ރަށު މީހުން ކަމަށް ކައުންސިލުން ބުންޏެވެ.

މިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޔާސިރު މިއަދު ސަން އަށް ވިދާޅުވީ ގްރޫޕަކުން، އެ ރަށުގެ އުމުރުން 17 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕް ކޮށްލާފައި ވަނީ ރަށުގެ ދެކުނު ކޮޅުގައި ހުރި ގެއަކުން އެ ކުއްޖާ ޓިއުޝަން ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ. ޔާސިރު ވިދާޅުވީ އެ ކުއްޖާ ބުނާ ގޮތުން، މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ކުއްޖާގެ އަނގަމަތީ އަތްއަޅައި އަންހެން ކުއްޖާގެ މޫނު ނިވާކޮށްގެން ރަށުގެ އުތުރު ފަރާތު އަތިރި މައްޗަށް ގެންގޮސް އަންހެން ކުއްޖާ އަށް ޖިންސީ އަނިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެތަނުން ފަސް މީހެއްގެ ނަން އަންހެން ކުއްޖާ ބުނާ ކަމަށާއި އޭގެ އިތުރުން ވެސް ދެ ތިން މީހަކު އެކަމުގައި ބައިވެރިވާ ކަމަށް އަންހެން ކުއްޖާ ބުނާ ކަމަށް ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ އެ ކުއްޖާ ރޭޕް ކުރުމަށް ފަހު އެ އެންމެން ވެސް އަންހެން ކުއްޖާގެ ހަށިގަނޑުގެ ތަންތަން ފޮޓޯ ނަގައި ވީޑިއޯކޮށްފައިވާ ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށެވެ. އަދި އެކަން އެއްވެސް މީހަކަށް އަންގައިފި ނަމަ ވީޑިއޯ އާއި ފޮޓޯތައް ލީކް ކޮށްލާނެ ކަމަށް ބުނެ އަންހެން ކުއްޖާ އަށް ބިރު ދައްކާފައިވާ ކަމަށް ވެސް ޔާސިރު ވިދާޅުވި އެވެ.

އަންހެން ކުއްޖާ އަށް ލިބުނު ޖިންސީ އަނިޔާތަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެ އެވެ.