30 Jul 2013, 15:26
ކީރިތި ޤުރްއާނުގެ ސޫރަތުލް ބަޤަރާގެ 185 ވަނަ އާޔަތުގައި އަންގަވައިފައިވާ ގޮތުގައި އަރަހުށި މާތްﷲ ކީރިތި ޤުރްއާން ބާވައިލެއްވީ ރަމަޟާން މަހެއްގައެވެ. މިކަމުން އެނގޭގޮތުގައި ރޯދަމަހާއި ކީރިތި ޤުރްއާނާ ވަރަށް ޚާއްޞަ ގުޅުމެއް ވެއެވެ. ރޯދަމަހު ރޯދަޔަށް ތިބުމަކީ އިންސާނާއަށް މާތްﷲ ދެއްވާ މާއްދީ ރިޒުޤުގެ އަހައްމިއްޔަތު އިޙްސާސްވާ ކަމެކެވެ. ރޯދައިގެ ސަބަބުން މާއްދީ ރިޒުޤުގެ މުހިންމުކަން ހިތްތަކަށް ވަދެ އެރިޒުޤާ މެދު ޙަޤީޤީ ޝުކުރުވެރިކަމުގެ ޖަޒުބާތު އާލާވެއެވެ.
ޤުރްއާނަކީ އިންސާނާއަށް ޓަކައި ތައްޔާރުކުރައްވައިފައިވާ ރޫޙާނީ ރިޒުޤުގެ ސުފުރާއެކެވެ. ޤުރްއާން ބާވައިލެއްވީ އިންސާނާއަށް ރޫޙާނީ ރިޒުޤުގެ އަހައްމިއްޔަތު އިޙްސާސުކޮށް ދެއްވުމަށް ޓަކައެވެ. އިންސާނާގެ ޙަޔާތުގައި އެޤުރްއާން ޝާމިލު ކުރުމަށްޓަކައެވެ. ވީހާވެސް ބޮޑަކަށް ޤުރްއާން ތަދައްބުރުކޮށް ތިމާގެ ހިތާއި ސިކުނޑި ތާހިރުކުރުމަށްޓަކައެވެ.
ރަމަޟާން މަހަކީ އެމަހެއްގެ ހުރިހާ ދުވަސްތަކެއްގައި ރޯދަޔަށް ތިބެންޖެހޭ މަހެކެވެ. ރޯދައަށް ތިބޭ ތިބުމުގައި މާތްﷲ އަށް އަޅުކަން ކުރުމާއި އެކަލާނގެ ރަސްކަންފުޅު ހަނދުމަކޮށް ޒިކުރު ތަސްބީހަ ތަހުލީލު ކިޔުން ޚާއްޞަ ގޮތެއްގައި ގިނަކުރަން ޖެހެއެވެ. މިގޮތުން ރަމަޟާން މަސް ފުރިހަމަ މާނައިގައި ވެގެންދަނީ ރޫޙާނިއްޔަތުގެ މައްސަރަކަށެވެ.
އެހެންކަމުން އެފަދަ މާޙައުލެއްގައި ޤުރްއާން ކިޔެވުމާއި ތަރާވީޙް ނަމާދުގައި ޤުރްއާން އަޑުއެހުމާއި އެނޫން ވެސް ގޮތްގޮތުން ޤުރްއާން ތަދައްބުރުކުރުމަކީ މުއުމިނުންނާއި ކީރިތި ޤުރްއާނާ ގުޅުން ބަދަހިކުރުމަށް ޚާއްޞަ ފުރުޞަތެއް ލިބޭކަމެކެވެ. ޤުރްއާން ވިސްނައިގަތުމަށް ޚާއްޞަ އެހީތެރިކަމެއް ލިބޭކަމެކެވެ. ރަމަޟާން މަހަކީ ތާރީޚީ ގޮތުން ބަލާއިރު ޤުރްއާން ބާވައިލެއްވި މަހެވެ. ރަމަޟާން މަހަކީ ތަރްބިޔަތުގެ ގޮތުންބަލާއިރު ތިމާގެ ހިތާއި ސިކުނޑިޔަށް ކީރިތި ޤުރްއާން ބާވައިގަތުމުގެ މަހެވެ.
ކީރިތި ޤުރްއާނުގައި އިރްޝާދު ދެއްވައިފައިވާ ގޮތުގައި "ޠާހިރުވެގެންވާ މީހުން މެނުވީ، އެފޮތުގައި ނުބީހޭނެތެވެ." (އަލްވާޤިޢާ:79) ޢިލްމުވެރީން ވިދާޅުވާގޮތުގައި މިއާޔަތުގައި ބަޔާންކުރައްވައިފައި ވަނީ ހަމައެކަނި ޤުރްއާން ކިޔެވުމަށްޓަކައި ވުޟޫކުރުމުގެ މައްސަލައެއް ނޫނެވެ. އަދިކީއްތޯއެވެ؟ މިއާޔަތުގެ އެންމެ ޚާއްްޞަ މަޠްލަބަކީ ޤުރްއާން ފަހުމުކުރުމަށްޓަކައި ނަފްސު ތާހިރުކުރުމުގެ އަހައްމިއްޔަތު ބަޔާންކުރެއްވުމެވެ. ޢިލްމްވެރީން ވިދާޅުވާގޮތުގައި މިއާޔަތުގެ އެންމެ ޞައްޙަ ޝަރަޙައަކީ އަލްއިމާމު ރާޣިބު އަލް އިޞްފަހާނީ (އަވަހާރަވީ 1108މ ގައި) ކުރައްވައިފައިވާ ޝަރަޙައެވެ. އާދެ، އިމާމު ރާޣިބު މިއާޔަތުގެ ޝަރަޙައިގައި ވިދާޅުވާގޮތުގައި ޤުރްއާނުގެ ޙަޤީޤަތްތައް އެންމެފުރިހަމަޔަށް ދެނެގަނެވޭނީ ތިމާގެ ނަފްސު ޠާހިރުކޮށްފި މީހަކަށެވެ. ޤުރްއާން ވިސްނައިގަތުމަށް ހަމައެކަނި އެކަމުގެ ފަންނީ ޤާބިލުކަމަކުން ނުފުދެއެވެ. ރޯދައަކީ މިދެންނެވި ނަފްސު ޠާހިރު ކުރުމުގެ އެންމެ އިތުބާރުހުރި އެއް ވަސީލަތެވެ.