30 Jul 2013, 15:02
ވެށިފަހި މާލޭ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 1000 ފްލެޓްގެ ތެރެއިން ބީ ކެޓަގަރީގެ ފްލެޓްތައް ދޫކުރަން ފަށައިފި އެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ބީ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތަކާ އެކު މިހަފްތާގައި އެއްބަސްވުމުގައި ސޮއިކުރަން ފަށައިފައިވާ ކަމަށާއި މިހާތަނަށް ސޮއިކޮށްފައިވާ 51 ފަރާތަކަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ. ވެށިފަހި ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ބީ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތަކަށް ރަސްމީކޮށް ފެލްޓް ހަވާލުކުރުން އޮތީ މިރޭ އެޗްޑީސީން ހުޅުމާލޭގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
ވެށި ފަހި ޕްރޮގްރާމްގެ ދަށުން ބީ ކެޓަގަރީން ދޫކުރާ ފްލެޓްތައް ލިބޭ ފަރާތްތަކަކީ މާލޭގެ ރަށްވެހިންގެ ތެެރެއިން އަމިއްލަ ބޯހިޔާވަހި ކަމެއް ނެތް ފަރާތްތަކަށް ދޫކުރާ ފްލެޓްތަކެކެވެ.
ތިން ކޮޓަރީގެ އެ އާޕާޓްމަންޓް ގޮތަށް އިމާރާތްކޮށްފައިވާ ބީ ކެޓަގަރީން 471 ފެލެޓް ދޫކުރުމަށް ހަމަޖައްސާފައިވާ އިރު ފްލެޓްގެ ކުލީގެ ގޮތުގައި އެޗްޑީސީ އަށް މަހަކު 7000 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި މެނޭޖްމަންޓް ފީއެއްގެ 350 ރުފިޔާ ކުއްޔާ އެކު ދައްކަންޖެހެ އެވެ. އެ ކުލި ދައްކަން ޖެހެނީ 25 އަހަރަށް ބަހާލައިގެންނެވެ.
ފެލްޓްގެ އެގްރީމަންޓްގައި ސޮއިކޮށް ފެލްޓް ހަވާލުކުރަނީ ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ހަތަރު މަހުގެ ކުއްޔަށްވާ 19000 ރުފިޔާ ދައްކަމުން ގެންދާ މީހުންގެ ތަރުތީބުންނެވެ.
ވެށި ފަހު ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ބީ ކެޓަގަރީގެ ފްލެޓްތައް ދޫކުރަން ފަށަފައިވާ އިރު އެ ޕްރޮގްރާމްގެ ދަށުން ސީ ކެޓަގަރީން ދޫކުރުމަށް ހަމަޖައްސާފައިވާ ފްލެޓްތައް ލިބޭ 300 މީހުންގެ ފޯމްގައި ސީރިއަސް މައްސަލަތަކެއް އުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ. އަދި ސީކެޓަގަރީގައި އެފަދަ ބޮޑެތި މައްސަލަތަކެއް އުޅޭއިރު ބީ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތަކުގެ ފޯމްތައް ވެސް ދިރާސާ ކުރާނެ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
ނަމަވެސް އެޗްޑީސީ އަށް ބީ ކެޓަގަރީގެ އެއްވެސް މައްސަލައެއް އޭސީސީން އަދި މިހާތަނަށް ހުށަހަޅައިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.