އަންނަ ސެޕްޓެމްބަރު ހަތް ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާން ބޭނުންކުރާ ކަރުދާސްކޮޅެއް ޗާޕުކުރަން ހިނގާ ހަރަދު ރުފިޔާއަކަށް ވުރެ ކުޑަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ މިފަހަރު ވޯޓު ކަރުދާސް ޗާޕުކުރުމަށް ހިނގާ ހަރަދު އެހެން ފަހަރުތަކަށް ވުރެ އެތައް ގުނައެއް ކުޑަވެފައިވާ ކަމަށެވެ.

"މިފަހަރު ވޯޓު ކަރުދާސްކޮޅަކަށް ހަރަދު ވަނީ ގާތްގަނޑަކަށް 90 ލާރި. މިއީ މީގެ ކުރިއާ އަޅާބަލާ އިރު ވަރަށް ކުޑަވުމެއް. މީގެ ކުރިން ރިޔާސީ އިންތިހާބުގައި ކަރުދާސްކޮޅަކަށް ގާތްގަނޑަކަށް 20ރ. އަދި އެންމެ ފަހުން އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވެސް 12ރ. ކަރުދާސްކޮޅަކަށް ހަރަދުކުރަން ޖެހުނު،" އޭނާ ވިދާޅުވި އެވެ.

ވޯޓުކަރުދާސް ޗާޕުކުރަން ހަވާލުކުރި ބަޔަކު އިލެކްޝަނުން ނުބުނެ އެވެ. އެ ކޮމިޝަނުން ބުނީ 25 ގަނޑު ހިމެނޭ ވޯޓު ކަރުދާސް ފޮތެއް ޗާޕުކުރަން މިފަހަރު ހުށަހަޅާފައި ވަނީ ގާތްގަނޑަކަށް 21ރ. ކަމަށެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލާން ބޭނުންކުރާ ކަރުދާސް ޗާޕުކުރަން އަންނަ ހަފުތާގެ ތެރޭގައި ފޮނުވާލެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މިފަހަރު ޗާޕްކުރަން ނިންމާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 239،593 މީހުންނަށް ކޮންމެ މީހަކަށް އެއް ކަރުދާސްކޮޅާއި އެ އަދަދުގެ އެއް ޕަސެންޓް އިތުރަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުގައި މިފަހަރުގެ ވޯޓު ކަރުދާސް ޗާޕުކުރަން ހަރަދު ވާނީ ގާތްގަނޑަކަށް 218،000ރ. އެވެ.