މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ހުށަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަތަކާއި ބަދުއަޚުލާގީ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު ޚިޔާނާތުގެ ހަތް މައްސަލައެއް ހުށަހަޅާފައިވާ އިރު، މި އަހަރުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ހިޔާނާތުގެ 20 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މިއީ 185 ޕަސެންޓް އިތުރުވުމެއް ކަމަށް ފުލުހުން ބުނެ އެވެ.

ޚިޔާނާތުގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު 140 ޕަސެންޓް މި އަހަރުގެ ރޯދަ މަހު އިތުރވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު ފަސް މައްސަލައެއް ހުށަހަޅާފައިވާ އިރު، މި އަހަރުގެ އެ މުއްދަތުގައި 12 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އިތުރުވެފައިވާ ކުށްތަކަށް ބަލާއިރު ބަދުއަޚުލާގީ މައްސަލަތައް 60 ޕަސެންޓް އިތުރުވެފައިވާ އިރު، ވައްކަން 2.1 ޕަސެންޓް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން އަދި ބުނީ މަސްތުވާތަކެތީގެ މައްސަލަތައް ވެސް 68.9 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް ޗެކް ބައުންސް މައްސަލަތައް 54.5 ޕަސެންޓަށް އިތުރުވެފައިވާ އިރު ތަކެތި ގެއްލިގެން ހުށަހެޅުނު މައްސަލަ 51.2 ޕަސެންޓަށް އަދި އެހެނިހެން ކުށްތައް ވެސް 7.3 ޕަސެންޓަށް އިތުރުވެފައިވެ އެވެ.

މި ރޯދަ މަހުގެ ފުރަތަމަ 15 ދުވަހު ބައެއް މައްސަލަތައް އިތުރުވެފައިވާ އިރު، އަނެއްބައި މައްސަލަތައް ދަށްވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު މާރާމާރީގެ 41 މައްސަލަ ހުށަހަޅާފައިވާ އިރު މި އަހަރުގެ އެ މުއްދަތުގައި ހުށަހަޅާފައި ވަނީ 29 މައްސަލަ އެކެވެ. މިއީ 29.3 ޕަސެންޓްގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ފޭރުމުގެ 43 މައްސަލައެއް ހުށަހެޅިފައިވާ އިރު މިއަހަރުގެ މިމުއްދަތުގައި ހުށަހެޅިފައި ވަނީ 39 މައްސަލަ އެކެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ޓްރެފިކްގެ 95 މައްސަލައެއް ހުށަހެޅިފައިވާ އިރު މިއަހަރުގެ ހުށަހަޅާފައި ވަނީ 83 މައްސަލައެކެވެ. މި އަހަރުގެ ފުރަތަމަ 15 ދުވަހު އާއްމުންގެ މުދަލަށް ގެއްލުން ދިނުމުގެ 12 މައްސަލައެއް ހުށަހަޅާފައިވާ އިރު، މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 21 މައްސަލައެކެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޕީޖީއަށް 99 މައްސަލައެއް ވަނީ ފޮނުވާފަ އެވެ. މިދިޔަ އަހަރު ފޮނުވާފައިވަނީ 77 މައްސަލައެކެވެ.

މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި 534 މައްސަލަ ކްލޯޒް ކުރެވިފައިވާ އިރު މިއަހަރު މިމުއްދަތުގައި ކްލޯޒް ކޮށްފައި ވަނީ 945 މައްސަލަ އެވެ. މިއީ 77 ޕަސެންޓް އިތުރު އަދަދެއް ކަމަށް ފުލުހުން ބުނެ އެވެ.