30 Jul 2013, 13:11
ބ. ދަރަވަންދޫ އިންޖީނުގޭގައި ހުރި ތިޒޫރީއެއް ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ރޭ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ރަށު އިންޖީނުގޭގައި ހުރި ތިޖޫރީއަކުން 75،000 ރުފިޔާ ވަަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ފައިސާތައް ނަގާފައި ވަނީ އިންޖީނުގޭގެ އޮފީސް ތެރެއަށް ވަދެ ތިޖޫރީ ހަލާލުކޮށްލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ އިންޖީނު ގެއިން ވައްކަންކޮށްފައި ވަނީ އިންޖީނުގޭގެ ޑިއުޓީގައި އިންނަ ކުއްޖާ ހާރުކާން ގެއަށް ދިޔަ ވަގުތު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެނގުނީ އޭނާ އެނބުރި ޑިއުޓީ އަށް ފަތިހު ނުކުތުމުން ކަމަށެވެ.
"މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ހިނގީ ޑިއުޓީގައި އިން ކުއްޖާ ހާރު ކާން ދިޔަ ވަގުތު،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.
ދަރަވަންދޫ އިންޖޫނުގެ އަކީ ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އަންނަ ތަނެކެވެ.