10 Nov 2010, 06:29
މާލޭގައި އިމާރާތްކުރާ 350 ހައުސިން ޔުނިޓް މަޝްރޫއުގެ ބިންގާ މިއަދު ސަރުކާރުން އަޅައިފި އެވެ.
އިމާދުއްދީން ސްކޫލް ކުރިމަތިން އަމީނީމުގައި އޮންނަ ގާކޮށީގައި މިއަދު ހެނދުނު 9 ޖެހިއިރު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ އެއިޓީން އެސްޑީ ގްރޫޕްގެ ފަރާތުން މާލޭގައި އިމާރާތްކުރާ 350 ފްލެޓުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ އިތުރަށް އިންޑިއާގެ އެއިޓީން އެސްޑީ ކުންފުނީގެ ޗެއާޕާސަނެވެ.
މާލޭގައި އިމާރާތްކުރާ 500 ފްލެޓުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ 350 ފްލެޓުގެ ތެރެއިން ގާކޮށީގައި އިމާރާތް ކުރާ 160 ޔުނިޓްގެ ބިންގާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ މިއަދު ބިންގާ އެޅި 10 ބުރީގެ އިމާރާތުގެ ފްލެޓްތަކުގައި ހުންނާނީ ތިން ކޮޓަރި އާއި ދެ ފާޚަނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކެއް ކަމަށެވެ. އަދި ފްލެޓު އެޅުމަށް ބޭނުންކުރާ ބިމުގެ 30 ޕަސަންޓު ބޭނުންކުރާނީ ހުސް ޖާގައިގެ ގޮތުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އިމާރާތުގެ އެންމެ ތިރީ ފްލޯ ބޭނުންކުރާނީ ވިޔަފާރި ބޭނުންތަކަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ފްލެޓުތައް އެޅުމަށް ހަމަޖެހިފައި ވަނީ މާލޭގެ ހަތަރު ސަރަހައްދެއްގަ އެވެ. އެއީ ގާކޮށީގައި އިމާރާތްކުރާ 160 ޔުނިޓާއި ބިއްލޫރިޖެހިގެ ހުރި ބިމުގައި އަޅާ 76 ޔުނިޓާއި އޯޑިއޯން ހުރި ބިމުގައި އަޅާ 50 ޔުނިޓުގެ އިތުރުން ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި ތަރައްގީކުރާ 64 ޔުނިޓެވެ.
ބިންގާ އަޅުއްވައިދެއްވުމަށް ފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންސާނީ ތަރައްގީ ބޭނުންވާ އެންމެ މުހިންމު އަސާސަކީގެ ކަމަށާއި އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތަކަށް ހައްލެއް ގެނެވެނީ ރަނގަޅު ގެއެއް އަދި ރަނގަޅު ގައުމެއް އުފިދެން ކަމަށެވެ. ރައީސް ވިދާޅުވީ ރަނގަޅު އާއިލާއިން ރަނގަޅު ގައުމެއް ބިނާ ކުރެވޭނީ އޭގެ މައިގަނޑު އަސާސް ކަމުގައި ބެލެވޭ ގެ ތަރައްގީ ކުރެވިގެން ކަމަށެވެ.
"ޒަމާނުންސުރެ ފަށައިގެން ދިވެހިންގެ ތެރޭގައި ބޯހިޔާވަހިކަމަކީ، ނުވަތަ ގެއަކީ ވަރަށް މާތް ކަމެއް، ގަދަރެއް އިއްޒަތެއް ދެވިފައިވާ މުއައްސަސާއެއް. އަޅުގަނޑުމެންގެ ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތަކީ މިދެންނެވި އިންޖީނު މިދެންނެވި ތަރައްގީގެ އިންޖީނު ގެ، އެގެ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމެއް ނިޒާމެއް ހޯދުން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރު އުފެދިފައި ވަނީ ވަޢުދުގެ މައްޗަށް ބިނާވެގެން ކަމަށާއި ރާއްޖޭގެ ތަރައްގީ ހޯދާނީ ބޯހިޔަވަހިކަން ތަރައްގީކޮށްގެން ކަމަށް ދެކި، އެ އުސޫލުން މިރާއްޖެ ބަދަލު ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރާއްޖެ ބަދަލު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލިބިފައިވާ މިފަހި ފުރުސަތުގެ ތެރެއިން އެއްވެސް ގައުމީ މަޝްރޫޢެއް ކުރިން ގެންގޮސްފައިވާ ގޮތަށް ގެންގޮސްފައިނުވާނެ ކަމަށާއި އަދި ގެންގޮސްގެން ވެސް ނުވާނެ ކަމަށެވެ. އަދި އޭގެން ކޮންމެ މަރުހަލާއެއްގައި ހުއްޓަން ޖެހޭ ތަނަކަށް ހުއްޓައި ބަލަން ޖެހޭ ބެލުންތައް ބަލައި ޖަވާބުދަރީ ކުރަން ޖެހޭ ފަރާތްތައް ޖަވާބު ދާރީކޮށް މަޝްރޫޢު ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުން ބިކަހާލުގައި އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އެމީހުންގެ ހާލު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ. ރައީސް އަދި ޒަމާންތަކެއް ވަންދެން ދިމާވެފައިވާ ބިކަހާލުން މާލޭ ރައްޔިތުން މިންޖު ނުކުރޭވެނެ ނަމަ އެކަމައިގެން ނުނިކުންނަވާނެ ކަމަށެވެ.
"މިރަށުގައި މިމާލޭގައި އަޅުގަނޑު ނުވަންނަ ގެއެއް މަދުވާނެ. އެއްފަހަރަކު ނޫން. މާލޭ ރައްޔިތުންނަށް މިކަން ވަރަށް ސާފުކޮށް އެނގޭނެ. ރައީސް ވިދާޅުވި އެވެ.