30 Jul 2013, 12:36
ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ފުޓްބޯޅައިގައި ވާދަވެރި އަވައްޓެރި ސްރީ ލަންކާއާ ދެކޮޅަށެވެ.
ކަތުމަންޑޫގެ ދަޝަރަތު ސްޓޭޑިއަމްގައި ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ނޭޕާލް ގަޑިން 6:30ގައި ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު މެންދުރު ފަހު 3:30ގައި ރާއްޖެ ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި ސެޕްޓެމްބަރު ހަވަނަ ދުވަހު މެންދުރު ފަހު 3:30ގައި ރާއްޖެ ނުކުންނާނީ، ގްރޫޕްގައި ހިމެނޭ އެންމެ ވަރުގަދަ އެއް ޓީމުކަމަށްވާ އެންމެ ފަހުގެ ރަނަރަޕް އަފްޣާނިސްތާނާ ދެކޮޅަށެވެ.
މިފަހަރުގެ މުބާރާތް ހުޅުވާ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ ނުކުންނާނީ، ވާދަވެރި ޕާކިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް އޭގެ ދެވަނަ މެޗުގައި އެދުވަ ހަވީރު، މުބާރާތް ބާއްވާ ނޭޕާލްގެ ޓީމް ނުކުންނާނީ ބަންގުލަދޭޝްއާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ލަންކާގެ އެންމެ ފަހުގެ ކުރިމަތިލުމަށް ބަލާއިރު 2009 ވަނަ އަހަރުގެ ސެމީފައިނަލްގައި ރާއްޖެއަތުން ލަންކާ ބަލިވީ 5-1 ލަނޑުންނެވެ. އަދި އޭގެ ކުރިއަށް، ޖެހިލާއިރު 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިގެ ސެމީފައިނަލްގައި ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ލަންކާ ވަނީ ރާއްޖެއަތުން 1-0ން ބަލިވެފަ އެވެ.
ސާކް ސަރަހައްދުގެ އަށް ގައުމު ބައިވެރިވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50000 ޑޮލަރުގެ ފައިސާގެ އިނާމް ހުށަހެޅިފައިވާއިރު މުބާރާތުގެ ރަނަރަޕް ޓީމަށް 25000 ޑޮލަރު ލިބޭނެ އެވެ. އަދި ހަމަ އެހެންމެ މުބާރާތުގެ ތިންވަނައާއި ހަތަރުވަނައަށްދާ ދެޓީމަށް 10000 ޑޮލަރު ލިބޭނެ އެވެ.
ސެޕްޓެމްބަރު 1 އިން 11 އަށް ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓީވީ ބްރޯޑްކާސްޓާއަކީ އީއެސްޕީއެން ސްޓާ ސްޕޯޓް އެވެ.